މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް، މުހައްމަދު ހުޝާމް އޮފީހަށް ނުކުތުން ހުއްޓުވައި، އޭގައި މަޑުކުރަން އަންގައިފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ހުޝާމް ވަޒީފާއަށް ނުނުކުންނަވަން އެންގެވިކަން ހޯމް މިނިސްޓަރު އުމަރު ނަސީރު "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މިނިސްޓަރު އުމަރު މިރޭ "ސަން"އަށް ވިދާޅުވީ ހުޝާމް މަގާމުން ވަކިކުރި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

އޭނާ ގޭގައި މަޑުކުރަން އެންގި ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު އެއްޗެއް ވިދާޅެއް ނުވެ އެވެ.

ހުޝާމްގެ ފޯނަށް ގުޅާލުމުން، ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކަރެކްޝަނަލް ސާވިސްގެ، ޕްރިޒަންސް ކޮމިޝަނަރުގެ މަގާމަށް 2014 ވަނަ އަހަރު ހުޝާމް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ހ. ދިޔަދޫ މޫސާ އާޒިމް ވަކިކުރެއްވުމަށް ފަހު އެވެ.