އެއްވެ އުޅުމާ ބެހޭ ގަވާއިދާ ހިލާފަށް މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވެ އަޑުގަދަކޮށް ހަޅޭލަވާ ގާނޫނާއި ހިލާފް އަމަލުތަށް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެއްވުން މަނާ ސަރަހައްދުތަކުގައި ކުރާ މުޒާހަރާތައް ވަގުތުން ރުޅާލާނެކަމަށް ފުލުހުން އަނެއްކާވެސް ބުނެފި އެވެ.

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނަނީ، އޭޕްރީލް 30 ވަނަދުވަހުގެ ރެއިން ފެށިގެން ގިނައަދަދެއްގެ ބަޔަކު މާލޭގެ ޗާންދަނީމަގާއި މަޖީދީމަގުގެ ހަތަރު އަނގޮޅި ސަރަޙައްދަށް އެއްވެ، އެސަރަހައްދުގައި ދުއްވާ އެއްޗެއްސަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް އެސަރަހައްދު ބަންދުކޮށް، އަޑުގަދަކޮށް ހަޅޭލަވާ ހެދުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި އެސަރަހައްދުގައި ވިޔަފާރިކުރާމީހުންނަށް ވަރަށް ބޮޑެތި ގެއްލުންތަށް ދަނީ ލިބެމުން ކަމަށެވެ.

އަދި އެ ސަރަހަށްދަށް އެއްވާ ބައެއް މީހުން ވަޅިއާއި އެނޫންވެސް އެފަދަ ތޫނު އެއްޗެހި ގެންގުޅެ، ހަމަނުޖެހުން ހިންގައި އެސަރަހައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުންނަށް ހަމަލާދެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުންވެސް އެ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ކޮތަޅުގައި ޕެޓްރޯލް ބަންދުކޮށްގެން ޕެޓްރޯލް ބޮމުގެ ގޮތުގައި ބޭނުންކޮށް މަގުމަތީގައި ހުންނަ ވެހިކަލްތަކާއި މީނޫންވެސް އާންމު ރައްޔިތުންގެ އަގުބޮޑު މުދަލުގައި އަލިފާންރޯކޮށް އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައި މީސްމީހުންގެ މުދަލަށް ބޮޑެތި ގެއްލުން ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އަދި މަޖީދީމަގާއި ޗާނދަނީ މަގު ގުޅޭ ސަރަހައްދަކީ މާލޭގެ ވިޔަފާރީގެ މުހިންމު ސަރަހައްދަކަށްވެފައި ވިޔަފާރީގެ އެންމެ މުހިންމު ވަގުތުން ފެށިގެން ރޭގަނޑުގެ ދަންގަޑިތަކުގައި ހިންގަމުން ގެންދާ އަމަލުތަކުގެ ސަބަބުން އެސަރަހައްދުގައި ވިޔަފާރިކުރާ މީހުންނަށް މާލީގޮތުން ބޮޑެތި ގެއްލުންތައް ވަމުންދާއިރު އެސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނަށާއި މީސްމީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ތަފާތު ގެއްލުންވަމުންދާކަން ވެސް ފުލުހުން ފާހަގަކުރެ އެވެ.

"މިސަރަހައްދަށް އެއްވެ އަޑުގަދަކޮށް ހަދާ މީހުންނަކީ ގާނޫނު އަސާސީގެ 32 ވަަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެ އުޅުމުގެ ހައްގު ބޭނުންކުރުމުގެ ނަމުގައި އެއްވެ އުޅޭ ބަޔަކަށްވީ ނަމަވެސް، މި އެއްވުން ހިނގާ ސަރަހައްދުގައި ދިރިއުޅޭ އެހެނިހެން މީހުންނާއި އެސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ހަމައެގާނޫނު އަސާސީގެ ދަށުން ލިބިދޭ ބައެއް ހައްގުތައް ނިގުޅައިގަނެ، ގަދަފަކަމައި ހަރުކަށިކަންދައްކައި ހަމަނުޖެހުން ހިންގުމަކީ، އެސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ހުރަސް އެޅި އަދިއެސަރަޙައްދުގައި ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ގާނޫނު އަސާސީގެ 37 ވަނަމާއްދާގެ ދަށުން ލިބިފައިވާ މަސައްކަތްކުރުމުގެ ހައްގާއި ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ މުދާހޯދުމާއި މުދަލުން މުއާމަލާތްކުރުމުގެ ހައްގަށް އުނިކަން ލިބި، އެސަރަހައްދުގައި ދިރިއުޅޭ އާއިލާތަށް ރޭގަޑުގެ ނިދިން މަހުރޫމްވެ ބިރުވެރިކަމާ ނާމާންކަމަށް ހުށަހެޅިފައިވާކަމެކެވެ. އަދި މިސަރަހައްދަށް އެއްވެ އުޅޭ މީހުންގެ އަމަލުތަކުގެ ސަބަބުން އެސަރަހައްދުގައި މީހުންނަށް މިނިވަންކަމާއެކު އެއްތަނުން އަނެއްތަނަށް ގޮސް އުޅުމުގެ ހައްގަށްވެސް މިވަގުތުތަކުގައި ހުރަސްއެޅިފައިވާކަން ފާހަގަކުރަމެވެ،" ފުލުހުންގެ ބަޔާނުވައިވެ އެވެ.

އަދި އިތުރަށް ފުލުހުން ބުނަނީ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަން ކަމަކަށް އުނިކަމެއް ލިބޭނޭފަދަ އަމަލެއް ކުރެވޭގޮތަށް ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއް މާނަކޮށްގެން ނުވާނެ ކަމަށް ގާނޫނޫ އަސާސީގެ 69 ވަނަ މާއްދާގައި ބުނެފައި ކަމަށާއި އެހެންކަމުން ގާނޫނު އަސާސީ އިން ލިބިދޭ އެހެނިހެން ހައްގުތަކަށް އުނިކަން ލިބޭގޮތަށް ގާނޫނު އަސާސީއިން ލިބިދޭ އެެއްވެސް ހައްގެއް ބޭނުންކޮށްގެން ވެސް ނުވާނެ ކަމަށެވެ. އަދި އަނެކުންގެ ހައްގުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އެހައްގުތަކަށާއި މިނިވަންކަމަށް ހަމަ ކޮންމެ މީހަކުވެސް އިހުރާމްކުރަން ޖެހޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެހެންކަމުން، އެއްވެ އުޅުމާ ބެހޭ ގަވާއިދާ ހިލާފަށް މާލޭގެ އެއްވެސް ސަރަހައްދަކަށް އެއްވެ އަޑުގަދަކޮށް ހަޅޭލަވާ ގާނޫނާއި ހިލާފް އަމަލުތަށް ހިންގުމުގެ ފުރުސަތު ފުލުހުން ނުދޭނެކަމަށާއި ހާއްސަކޮށް އެއްވެ އުޅުމާބެހޭ ގަވާއިދުގައި އެއްވުން މަނާ ސަރަހައްދުތައްކަމުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އެއްވެ ކުރާ މުޒާހަރާތައް ވަގުތުން ރުޅާލާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެފަދަ އެއްވުންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.