20 Apr 2016, 19:05
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ މޮޅުވެ، އެކްލަބުން އެއްވަނަ ޑިވިޝަނުގެ ފެެށުން ރަނގަޅުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި، މުޅިން އަލަށް އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ޔުނައިޓެޑް ވިކްޓަރީ މޮޅުވީ 5-2 ލަނޑުންނެވެ.
މެޗުގެ ނުވަ ވަނަ މިނެޓުގައި ވިކްޓަރީއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފައެވެ. އިބްރާހިމް ޝާތިރު ދިން ބޯޅައަކުން ވިކްޓަރީއަށް އެލަނޑު ކާމިޔާބުކޮށްދިނީ ވަންޑެލީ ނިކޮލަސް ޕޯލް އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު މަހްމޫދޫ އަލް ޔޫސުފް ކައިރިން ކަޓުވާލުމަށްފަހު ފޮނުވާލި ހަމަލާއިންނެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރަފައެލް ބެތިމް މާޓް ދިން ރީތި ބޯޅައަކުން ކެރިޗް އަންޑްރެޖް އުފެއްދި ހަމަލާ، ކީޕަރު އިފްރާހު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީއިން ވަނީ ލަނޑުޖަހައި، ނަތީޖާ ހަމަހަަމަކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓަރީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހިމް ޝަފްރާޒް އެވެ. އޭނާ އެލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް ނަގައިދިން ހުރަހަކުން ބޮލުން ޖަހަ އެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކެރިޗްއަށް ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑް ވިކްޓަރީއަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ޔުނައިޓެޑް ވިކްޓަރީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ، އެޓީމަށް ލީޑު ހޯދައިދިނީ ބްރެޒިލް ކުޅުންތެރިޔާ ރަފައެލް ބެތިމް މާޓް އެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2-1 ލަނޑުން ޔުނައިޓެޑް ވިކްޓަރީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވިކްޓަރީއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ވަންޑެލީ އަދި މުހައްމަދު ތަސްނީމްއަށް ލިބުނު ފުރުސަތުތަކުން އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު މަހްމޫދު އަލް ޔޫސުފް އެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީއިން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ ކެރިޗް އެވެ. އޭނާ އެލަނޑު ކާމިޔަބުކުރީ ހުސައިން ޝިމާޒް (ކޮކީ) ދިން ބޯޅައެއް ހިފައިގެން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ކީޕަރު އިފްރާހު ކަޓުވާލުމަށްފަހު ގޯލަށް އުފެއްދި ހަމަލާއަކުންނެވެ.
ޔުނައިޓެޑް ވިކްޓަރީގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓްގައެވެ. ޔުނައިޓެޑް ވިކްޓަރީއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަލ؛ީ ހައިޝަމް އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ޝިމާޒް ނަގައިދިން ރީތި ހުރަހަކުން ބޮލުން ޖަހައި، އުފެއްދި ހަަމަލާއަކުންނެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓްގެ ތެރޭގައި ވިކްޓަރީ އަދި ޔުނައިޓެޑް ވިކްޓަރީއިން ވެސް ލަނޑެއް ކާމިޔާބުކުރި އެވެ. އެ ވަގުތުކޮޅު ތެރޭގައި ވިކްޓަރީގެ ލަނޑު ހަސަން ފައިރޫޒް ކާމިޔާބުކޮށްދިން އިރު، ޔުނައިޓެޑް ވިކްޓަރީގެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިން ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ކެރިޗް އެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00ގައެވެ.