ޗައިނާ ސަރުކާރުން ދީފައިވާ އެހީގެ ދަށުން ތިން ސްކޮލޮޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެފްއީ)އިން ހުޅުވާލައިފި އެވެ.

"ޗައިނީސް ގަވާމެންޓް ސްކޮލޮޝިޕް"ގެ ދަށުންފުރުސަތު ހުޅުވާލާފައި ވަނީ، ސްކިލްޝޯޓޭޖް ލިސްޓުގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ދެ ފުރުސަތަކާއި މާސްޓާޒް ޑިގްރީއަށް ކިޔެވުމުގެ އެއް ފުރުސަތެވެ.

ޑީއެޗްއީ އިން ބުނީ، އެ ސްކޮލޮޝިޕްގެ ދަށުން ޓިއުޝަން ފީ އާއި އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ގެ ހަރަދު ހަމަޖައްސައިދޭނީ ކޯސް އިންތިޒާމްކުރާ ފަރާތުންކަމަށެވެ.

ސްކޮލޮޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައި ވަނީ ޔުނާން ޕްރޮވިންސްގެ ކަނޑައެޅިފައިވާ ހަތް ޔުނިވާސިޓީގެ ތެރެއިން ޔުނިވާސިޓީއެއްގައެވެ. އަދި ފުރުސަތު ލިބޭ ޔުނިވާސިޓީއަކަށް ބަލައި އެއް އަހަރު ދުވަހުގެ ޗައިނީސް ލެންގުއޭޖް ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ އެވެ.

ޑީއެޗްއީ އިން ބުނީ، ސްކޮލޮޝިޕްގެ ދަށުން މަތީތައުލީމް ހާސިލް ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން ހިދުމަތްކުރުމަށް ބޮންޑްކުރެވޭނެ އެވެ.

ކުރިމަތިލުމަށް ހުޅުވާލި ކޯސްތަކަށް އެދޭ ފަރާތްތަކުން ހުށަހެޅޭނީ އެންމެ އެޕްލިކޭޝަން ފޯމެއް ކަމަށާއި އެއް ކޯހަށްވުރެ ގިނަ ކޯހަށް ކުރިމަތިލައިފިނަމަ އެ ހުށަހެޅުން ބާތިލްވާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެ އެވެ.

ބެޗްލާސް ޑިގްރީއަސް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތަކީ

  • ޖީސީއީ އޯލެވެލް/ އައިޖީއެސްއެސްސީ އަދި އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުން

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ ތިން މާއްދާއިން 'އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުން. ނަމަވެސް ހުށަހަޅާ ދަރިވަރުންގެ ތެރެއިން ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށް ފުރުސަތު ދިނުމަށްފަހު، އިތުރު ފުރުސަތު އޮތްނަމަ ދެ މާއްދާއިން ފާސްވެފައިވަ ދަރިވަރުންނަށް ފުރުސަތު ދެވޭނެ އެވެ.
  • ޖީސީއީ އޯލެވެލް. އައިޖީސީއެސްސީ ފަސް ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސި 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުން.

މާސްޓާޒްއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތަކަކީ

  • ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުން

ޑީއެޗްއީ އިން ބުނީ، އެ ސްކޮލޮޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ކަމަށެވެ.