20 Apr 2016, 17:26
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަމުން އަންނަ ޝަރަފު ހިނގާލުން މިއަހަރު ވެސް ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފުން ބުނީ، މާދަމާ ފާހަގަ ކުރާ 124 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު، 16:40 ގައި ކަމަށެވެ. މިއީ ހުޅުމާލޭގައި އެ ހިނގާލުން ބާއްވާ ދެ ވަނަ ފަހަރެވެ.
ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އެމްޕީއެލް ސަރަހައްދުންނެވެ. އެތަނުން ފެށިގެން އަސުރުމާ ހިނގުމުން އިރަށްގޮސް، ނިރޮޅުމަގަށް ނިކުމެ، ނިރޮޅުމަގުން އުތުރަށް ގޮސް، ފިނިފެންމާ ހިނގުމުން ހުޅަނގަށް އަޅައި، ފިނިފެންމާ ހިނގުމުން ފެރީ ޓާމިނަލްއާ ދިމާއަށް ނިކުންނަ ގޮތަށެވެ. އަދި ފެރީ ޓާމިނަލް ކައިރިން ފިތުރޯނުމަގުން ދެކުނަށް ގޮސް ހިނގާލުން ފެށި އެމްޕީއެލް ސަރަހައްދަށް ނިންމާ ގޮތަށެވެ.
އެ ހިނގާލުމުގައި ލަޝްކަރު ތިން ސަރަހައްދެއްގައި ހުއްޓާނެ އެވެ. އެގޮތުން ފުރަތަމަ ހުއްޓާނީ އަސުރުމާ ހިނގުމާއި ނިރޮޅު މަގުގެ ކަންމަތީގައެވެ. ދެވަނައަށް ހުއްޓުމަށް ހަމަޖެހިފައިވަނީ ނިރޮޅުމަގާއި ފިނިފެންމާ ހިނގުން ގުޅޭ ހިސާބުގައެވެ. އަދި ތިން ވަނައަށް ހުއްޓާނީ ފިނިފެންމާ ހިނގުމުގައި ފެރީ ޓާރމިނަލް ކައިރީގައެވެ.
އެމްއެންޑީއެފުން ބުނީ، ސިފައިންގެ ދުވަހުގެ ހާއްސަ ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައި ވަނީ ކަޅުތުއްކަލާކޮށީގައި މާދަމާ ހެނދުނު 6:00 ގައި އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތުން ކަމަށެވެ. މާލޭގެ އިތުރުން ސިފައިންގެ އޭރިއާތަކުގައި ވެސް މާދަމާ ހެނދުނު ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން، ޝަހީދުންގެ ބިނާގައި މިރޭ 12:00 ގައި ދިދަ މައުންޓު ކުރުމުގެ ރަސްމިއްޔާތެއް އޮންނާނެ އެވެ.
ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިމަހުގެ 24 ވާ، އާދީއްތަ ދުވަހު އެވެ.