20 Apr 2016, 16:24
އޯލް ޕާޓީ ޓޯކްސްގެ މެދުވެރިއެއްގެ ރޯލުއަދާކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ޕޮލިޓިކަލް އެފެއާޒް، ޑިޕާޓްމަންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލްއާ ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބޭފުޅުންގެ މަޝްވަރާގައި ރާއްޖޭގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް އދ.ގެ ޓެކްނިކަލް އެހީ ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރާއި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ނަސީރު ބައިވެރިވެވަޑައިގަތް ކަމަށެވެ.
ސެމިއުލްއާ އަރިހުގައި އދ. ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓްގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.