މިދިޔަ އަހަރު މެލޭޝިއާ އެއާލައިންސްގެ ސީއީއޯގެ މަގާމާ ހަވާލުވި ކްރިސްޓޮފް މުއެލާ، ސީއީއޯގެ މަގާމުން ވަކިވުމަށް ނިންމައިފި އެވެ.

ދެހާސް ސާދަ ވަނަ އަހަރު މެލޭޝިއާ އެއާލައިންސްއާ ގުޅޭ ދެ ހިތާމަވެރި ހާދިސާއެއް ހިނގާފައިވެ އެވެ. އެއީ ފްލައިޓު އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލުމަށް ފަހު މިއަދާ ހަމައަށް ވެސް ފެނިފައި ނުވުމާއި، ފްލައިޓު އެމްއެޗް 17 ޔޫކްރައިނަށް ވެއްޓުނު ހާދިސާތަކެވެ.

މި ދެ ހާދިސާއާ ގުޅިގެން މެލޭޝިއާ އެއާލައިންސަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރި މަސައްކަތުގައި އެ ކުންފުނީގެ ސީއީއޯގެ މަގާމާ މުއެލާ ހަވާލުވީ 2015 ވަނަ އަހަރުގެ މޭ މަހު، ތިން އަހަރު ދުވަހުގެ ދައުރަކަށެވެ.

މެލޭޝިޔާ އެއާލައިންސްގެ ބެލެނިވެރި ކުންފުނި، ޚާޒާނާ ނެޝަނަލް ބަރުހާދުން ނެރުނު ބަޔާނެއްގައި ބުނީ، ސީއީއޯ މުއެލާ ވަނީ އަމިއްލަ ސަބަބުތަކަކާ ހެދި އެ ކުންފުނީގެ ސީއީއޯގެ މަގާމުން، މި އަހަރުގެ ސެޕްޓެމްބަރު މަހު ވަކިވުމަށް ނިންމާފައި ކަމަށެވެ.

މުއެލާ މީގެ ކުރިން ވަނީ އަޔަލެންޑުގެ ގައުމީ އެއާލައިން، އެއާ ލިންގަސް ގްރޫޕުގެ ސީއީއޯގެ މަގާމު ވެސް އަދާކޮށްފަ އެވެ.