06 May 2011, 11:47
ރާއްޖޭގެ އެކްސްޗޭންޖު ރޭޓުގެ ނިޒާމަށް ގެނެސްފައިވާ ބަދަލާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފަރާތުން ޑީއާރްޕީއާއި ގައުމީ ޕާޓީއާ ބައްދަލުކޮށްފައިވާ ކަމަށް އެމްއެމްއޭން ބުނެފި އެވެ.
އެމްއެމްއޭން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، އެތަނުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކަށް އިޖާބަދިން ޕާޓީތަކުގެ ތެރެއިން ޑީއާރްޕީއާއި ގައުމީ ޕާޓީއާ އިއްޔެ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގެ އެއްވެސް ތަފުސީލެއް އެބަޔާނުގައި ނެތެވެ. ހަމައެކަނި ބުނެފައިވަނީ، އެ ބައްދަލުވުންތަކުގައި އެމްއެމްއޭން މައުލޫމާތު ދީފައިވަނީ އެކްސްޗޭންޖް ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ޖަދަލުތަކަށް މުހާތަބުކުރުމަށް މަސައްކަތްކުރެވެމުންދާ ޕޮލިސީތަކާއި އަދި އިދާރީ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށެވެ.
"އެމްއެމްއޭގެ އުއްމީދަކީ އަދި އެދުމަކީ މި ދަތި ދަނޑިވަޅުގައި މި މައްސަލަ އަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކުން އެއްބާރުލުން ދެއްވުމެވެ." އެމްއެމްއޭން ބުނެފައިވެ އެވެ.
އެމްއެމްއޭއާއެކު ޑީއާރްޕީންނާއި އެޕާޓީއާއެކު ކޯލިޝަން ހަދައިފައިވާ ގައުމީ ޕާޓީން ބޭއްވި ބައްދަލުވުމާ ބެހޭ ތަފްސީލެއް އެޕާޓީގެ ފަރާތުން ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް، އިދިކޮޅު މައިޕާޓީ، ޑީއާރްޕީގެ ދެ ފެކްޝަނުން ވެސް، ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ތަކެތީގެ އަގުބޮޑުވެފައިވާތީ، އެކަމާ ދެކޮޅަށް ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކަށް ތާއީދުކުރެ އެވެ.
އެމްއެމްއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބޭރު ފައިސާގެ މައްސަލައާ ގުޅޭ ގޮތުން ރާއްޖޭގެ ވިޔަފާރި މުޖުތަމައުއާ ސިނާއަތްތަކާވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.
އެމްއެމްއޭން ބުނަނީ، ބޭރު ފައިސާގެ މައްސަލައަކީ ދެމެހެއްޓެނިވި ގޮތަކަށް ހައްލުކުރަން މާ ފަސޭހަ ކަމަކަށް ނުވާތީ މެދު އަދި ދިގު މުއްދަތުގެ ސިޔާސަތާ ބެހޭ ގޮތުން ވެސް ވިސްނުމަކީ މުހިންމު ކަމެއް ކަމަށް ވިޔަފާރި މުޖުތަމައުއާއި ސިނާއަތްތަކުން ދެކޭ ކަމަށެވެ. އަދި އެކަންކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކުރުމަށް އެ ފަރާތްތަކުން ބޭނުންވާތީ އިތުރު ބައްދަލުވުންތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެމްއޭން ބުނެ އެވެ.
އަދި ބޭރު ފައިސާގެ ދަތިތައް ދެމެހެއްޓެނިވި ގޮތެއްގައި ހައްލުކުރުމަށް ރާއްޖޭއަށް ބޭރު ފައިސާ ވަންނަ ވަސީލަތްތައް އިތުރުކުރަންޖެހޭތީ، އެމްއެމްއޭން ގެންދަނީ އެކަމާ ގުޅޭ ގޮތުން ޕަބްލިކް ކޮންސަލްޓޭޝަނެއް ބޭއްވުމަށް ތައްޔާރުވަމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ. ދެހަފްތުތާއެއްހާ ދުވަހުގެ ތެރޭގައި އެ އިވެންޓް ބާއްވާނެ ކަމަށް ވެސް އެމްއެމްއޭން ބުނެފައިވެ އެވެ.