21 Apr 2016, 08:53
ބޮލީވުޑްގެ މަޝްހޫރު ތަރި މަދޫރީ ޑިކްސިޓް އަކީ ކާމިޔާބު މޮޅު ތަރި އެކެވެ. އޭނާގެ ފޭނުން އަދި އަދަށް ދާންދެންވެސް މިލިއަނުން ގުނާލެވެ އެވެ.
މަދޫރީ އެންމެ ބޮޑަށް ވިދާލާފައި ވަނީ 1900ގެ ފަހުގެ އަހަރު ތަކުގައްޔާއި 2000 ގެ ކުރީގެ އަހަރުތަކުގަ އެވެ. އެ ދުވަސްވަރު އޭނާ ވަނީ ކާމިޔާބު މޮޅެތި ފިލްމުތަކެއް ކުޅެފަ އެވެ. އެހެންނަމަވެސް 2002 ވަނަ އަހަރުން ފެށިގެން އޭނާގެ ކެރިއަރަށް މެދު ކެނޑުމެއް އައެވެ.

މަދޫރީ ޑިކްސިޓް ---
އެއަށްފަހު ދެން މަދޫރީ ފެނިގެން ގޮސްފައިވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި "އާޖާ ނަޗްލޭ" ނަމަކަށް ކިޔާ ފިލްމަކުންނެވެ. އެއަށްފަހު އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި "ގުލާބް ގޭންގް" އާއި "ދެދް އިޝްކިޔާ" އިންނެވެ.
އެ ފިލްމަށް ފަހު މަދޫރީގެ އެއްވެސް ފިލްމެއް މިއަދާ ހަމައަށްވެސް ރިލީޒްކޮށްފައި ނުވެ އެވެ. އެހެންނަމަވެސް މަދޫރީގެ ފިލްމެއް ވަރަށް އަވަހަށް ރިލީޒް ކުރެވޭނެ ކަމުގެ ފެހި ސިގްނަލް މިހާރު ވަނީ ފެންނަން ފަށާފަ އެވެ.

މަދޫރީ ޑިކްސިޓް ---
ހަބަރުތައް ބުނާ ގޮތުން މަދޫރީ ހުރީ ރަނގަޅު ސްކްރިޕްޓެއްގެ އިންތިޒާރުގަ އެވެ. އަދި އެފަދަ ރަނގަޅު ފިލްމެއް ލިބޭ އިރަށް އެ ފިލްމަށް ސޮއި ކުރުމަށް މަދޫރީ ހުރީ ތައްޔާރަށެވެ.
"އެކްޓު ކުރުމަކީ އަހަރެން އެންމެ ލޯބިވާ އެއް ކަންތައް. އަހަންނަށް ރަނގަޅު ފުރުސަތެއް ލިބޭ އިރަށް އެ ފިލްމަކަށް އާނއެކޭ ބުނާނަން،" މަދޫރީ އާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.
ކޮންމެއަކަސް، މި ދުވަސްވަރު ޑާންސް ޝޯވްތަކުގައި ޖަޖުކަން ކުރުމުގައި މަޝްޣޫލުވެގެން އުޅޭ މަދޫރީގެ ފޭނުންނަށް އެއީ ވަރަށް އުފާވެރި ހަބަރަކަށް ވާނެ އެވެ.