20 Apr 2016, 17:22
ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހް ތަސްދީގު ކުރެވޭތާ ދެތިން މަސްތެރޭގައި އެސްކީމް ފެށިގެން ދާނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންއިން ބުނެފިއެވެ.
އިއްޔެ މަޖިލީހުން ފާސްކުރި ބިލާއެކު ޕެންޝަން ސްކީމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ޕެންޝަން ފަންޑުގައިވާ ފައިސާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ކޮލަޓަރަލައިޒު ކުރެވޭނެ ސްކީމެއް ޕެންޝަން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހިންގޭނެ ކަމަށެވެ. އެ ސްކީމުގެ ދަށުން ރާއްޖޭގެ ކޮންމެ ސަރަހައްދަކު ވެސް ހިންގާ ގެދޮރުވެރިގުރުމުގެ ޕްރޮގުރާމްތަކުގައި ބައިވެރިވެވޭނެއެވެ.
ޕެންޝަން އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ސީއީއޯ މުހައްމަދު މަނިކު ވިދާޅުވީ އެސްކީމް ހިންގުމަށް ހަދަންޖެހޭ އުސޫލްތައް ޑުރާފްޓު ކުރެވިފައިވާއިރު އެކަން ކުރުމުގެ މަޝްވަރާތައް ބޭންކުތަކާއެކޮށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން އެ ބިލް ރައީސް ތަސްދީގު ކުރައްވާތާ ދެތިން މަސް ތެރޭގައި އަމަލު ކުރެވެން ފެށޭނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މާކެޓުގައި އެޕާޓްމަންޓް އުޅޭ އަގުތަކަށް ބަލާއިރު ގެދޮރުގަނެވޭނެ ފެންވަރުހުރި 550 އަށްވުރެ ގިނަ މެމްބަރުން މިހާރުވެސް ޕެންޝަންފަންޑުގައި އެބަހުރި ކަމަށެވެ.
އެ ސްކީމުގެ ދަށުން ފައިސާއެއް ދުލެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި ޕެންޝަން ފަންޑުން ބޭންކުތަކަށް ދޭނީ ގެރެންޓީއެކެވެ. އެއީ އެ މީހަކު އޭނާގާ ލޯން ނުދެއްކޭ ހާލަތުގައި ދެއްކުމަށް ދައްކަންޖެހޭ ޕަސެންޓެވެ.
އިސްލާހުގައި ބުނެފައި ވަނީ އިމާރާތްކޮށް ނިންމާ އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ، ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓުގެ ފައިސާ އެ މީހެއްގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ޕެންޝަން ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކޮލަޓަރަލައިޒު ކުރެވިގެންދާނެ ކަމަށެވެ. އިސްލާހުގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދަކު ކޮލަޓަރަލައިޒުކުރެވޭ ފައިސާ އަކީ ލޯނު ނެގި ފަރާތުން ލޯނު އަނބުރާ ނުދެއްކޭ ހާލަތުގައި ކޮލަޓަރަލް ގަބޫލުކުރާ ނުވަތަ ލޯނު ދޫކުރާ ފަރާތުގެ މަންފާއަށް ބެހެއްޓޭ ފައިސާއެއް ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ގާނޫނުގެ ދަށުން ކޮލަޓަރަލް ކުރެވޭ ފައިސާއަކީ ހަމައެކަނި ޑައުންޕޭމަންޓަށް ބޭނުންވާ ފައިސާ ކަމަށެވެ. އެހެންކަމުން ލޯނުގެ އިންޓްރެސްޓަކަށް ނުވަތަ އެހެން ކަމަކަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
ޕެންޝަން ފަންޑުގައި 1700 އަށްވުރެ ގިނަ މުއައްސަސާއިން 82،000 އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ. ޖުމްލަ އެ ފަންޑުގައި މިވަގުތު 5.1 ބިލިއަން ރުފިޔާ އެބަހުއްޓެވެ.