ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން އާ ދެކޮޅަށް ދައުލަތުން ހުށަހަޅާއި ހެއްކާއި ލިޔެކިޔުންތައް ސިއްރުނުކޮށް ކުރިއަށް ގެންގޮސްދިނުމަށް ނިހާނުގެ ވަކީލުން އެދިއްޖެ އެވެ.

ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާއާ ގުޅިގެން ހުށަހަޅާ ބައެއް ލިޔެކިޔުންތަކާއި ހެކި ސިއްރު ކުރަން ދައުލަތުން އެދުނީ ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށް ބެލެވޭތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ބެލުމަށް ފަހު ކަމަށް ވެސް ދައުލަތުން ބުނެ އެވެ.

ނިހާނުގެ ވަކީލު ހުސްނުއްސުއޫދު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ދައުލަތުން ހަމަ އެދޭއިރަށް ލިޔެކިޔުން ވެސް އަދި ހެކި ވެސް ސިއްރުކުރަން ނިންމަން ޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ސިއްރުކުރާ ޑޮކިއުމެންޓަކާ ހެކި އިހުތުޔާރު ކުރުމުގެ ބާރު ލިބޭނީ ކޯޓަށް ކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

މީގެކުރިން އެހެން މައްސަލަތަކުގައި ވެސް ކްރިމިނަލް ކޯޓުގައި ވެސް އަދި އެހެން ކޯޓުތަކުގައި ވެސް އަމަލުކުރާ އުސޫލަށް އަލިއަޅުވާލައި ސުއޫދު ވިދާޅުވީ ދައުވާ ލިބޭފަރާތަށް، ސިއްރު ޑޮކިއުމެޓްތައް ނަންކަނޑާލުމަށް ފަހު ނުވަތަ ސިއްރުކުރަން ބޭނުންވާ މައުލޫމާތުގައި ކުލަޖެއްސުމަށް ފަހު ހިއްސާކޮށްފައި އެބަހުރި ކަަމަށެވެ. އެހެންކަމުން މިފަހަރު ވެސް އެހެން ހަދައިދިނުމަށް ސުއޫދު ވަނީ އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ދައުލަތުން ސިއްރުކުރަން އެދިފައި ވަނީ ހެކިން ފުލުހުންނަށް ދީފައިވާ ބަޔާންތައް ކަމަށާއި، ސިއްރު ހެކިން ހާޒިރު ކުރި ނަމަވެސް ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ދިފާއީ ވަކީލަށް ލިބިގެންދާނެ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓްތައް ހިއްސާކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާ

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން
  • ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ
  • ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަ ނޫން ގޮތުގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާ
  • ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ

ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާ އަށް ވެސް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި ދައުލަތުން މައްސަލާގައި ހުށަހަޅާ ޑޮކިއުމެންޓްތައް ލިބުމުން ނޫނީ އިތުރަށް ޖަވާބުދާރީ ނުވެވޭނެ ކަމަށް ނިހާނުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުން ލިޔެކިޔުންތައް ހުށަހެޅީ އިއްޔެ ކަމަށްވުމުން ދައުވާ ލިބޭ ފަރާތާއި ލިޔެކިޔުންތައް ހިއްސާކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުނީ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. އަދި މައްސަލާގެ ލިޔެކިޔުންތައް ހިއްސާކުރުމަށް ފަހު މިމަހު 26ގެ ކުރިން އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެކަމަށް ތައްޔާރުވުމަށް ގާޒީ ވަނީ އެދިވަޑައިގެންފަ އެވެ.