ގޮޅީގައި ނިދަން ލިބެނީ ދެއިންޗި ބޯމިން ހުންނަ ވަރުގެ ތަރަފާލުކޮޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޙަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ފުލުހުންގެ ބަންދުގައި ހުރި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ނިހާނު ވިދާޅުވީ "އަޅުގަނޑަށް ނިދަން ދެނީ ދެ އިންޗި ބޯމިން ހުންނަވަރުގެ ތަރަފާލުކޮޅެއް" ކަމަށާއި އެކަމުގެ ސަބަބުން މައިބަދައިގެ މައްސަލަތަކެއް ދިމާވެ، ފަރުވާކުރަމުން ދާކަމަށެވެ. އަދި ގޮޅީގައި ހޫނު ގަދަކަމުން ހަމުގެ މައްސަލަތަކެއް ވެސް ދިމާވެ އެކަމަށް ވެސް ފަރުވާހޯދަމުންދާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ބަނދުގައި ބެހެއްޓުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ބަހައްޓަން ޖެހޭނީ ސިއްހީ ގޮތުން ރައްކާތެރި އިންސާނުން ދިިރިއުޅެން އެކަށޭނަ މާހައުލެއްގައި ކަމަށެވެ.

އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ފުލުހުންގެ ލޯންޗުގައި ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"އަޅުގަނޑުގެ މައްސަލައެއް ނެތް ބަންދުގައި ބެހެއްޓިޔަސް އެކަމަކު ބަހައްޓަން ޖެހޭނީ ސިއްހީ ގޮތުން ރައްކާތެރިތަނެއްގައި. އަޅުގަނޑު އެދެން ނިދަން އެކަށީގެންވާ ގޮދަޑިއެއް ކަހަލައެއްޗެއް އަޅުގަނޑަށް ދިނުމަށް ކޯޓުން އަމުރުކޮށްދިނުމަށް. އަދި ސިއްހީ ރާއްކާތެރިތަނެއްގައި އަޅުގަނޑު ބަހައްޓަން އެންގުމަށް،" މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނިހާން ވިދާޅުވި އެވެ.

ނިހާންގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ގާނޫނު އަސާސީން ބަންދުގައި ހުންނަ މީހަކަށް ކަށަވަރުކޮށްދޭ ކޮންމެ 24 ގަޑިއިރަކުން އެއްގަޑިއިރު ބޭރަށް ނެރުމުގެ ހައްގު ނިހާނަށް ނުދޭ ކަމަށެވެ. އެހެންކަމުން ނިހާނަށް އެ ހައްގު ދިނުމަށް އަމުރުކޮށްދިނުމަށް ސުއޫދު ވަނީ އެދިވަޑައިގެންފަ އެވެ.

އެވާހަކަތަކާ ގުޅިގެން ގާޒީ ވިދާޅުވީ އެކަން ހިނގާ ގޮތް ބެލުމަށް ފަހު ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް ބަންދުގައި ހުންނަ މީހަކާ މެދު އަމަލުކުރުމަށް އަންގާނެ ކަމަށެވެ.

ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާ

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން
  • ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ
  • ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަ ނޫން ގޮތުގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާ
  • ޓެރަރިޒަމްގެ ދައުވާ

ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި ދައުލަތުން މައްސަލާގައި ހުށަހަޅާ ޑޮކިއުމެންޓްތައް ލިބުމުން ނޫނީ އިތުރަށް ޖަވާބުދާރީ ނުވެވޭނެ ކަމަށް ނިހާނުގެ ފަރާތުން ވަނީ ބުނެފަ އެވެ.