20 Apr 2016, 15:16
ލަންޑަން (އޭޕްރިލް 20): އިނގިރޭސިވިލާތުގެ ލަންޑަނުން އެމެރިކާގެ ސެންފްރެންސިސްކޯ އަށް ދިޔުމަށް ހީތުރޯ އެއާޕޯޓުން ނައްޓާލި ބޯޓެއްގެ ކޯޕައިލެޓުގެ ދަތުރުކުރާ ގަޑި ހަމަވުމުން ބޯޓު ޑައިވާޓް ކުރަން ޖެހިއްޖެ އެވެ.
އާއްމުކޮށް ޕައިލެޓުން ދަތުރުކުރުން ހުއްދަ ދީފައި އޮންނަނީ ކޮންމެ ހަތް ދުވަހަކު 30 ގަޑި އިރަށާއި މަހަކު 100 ގަޑި އިރަށާއި އަހަރަކު 1000 ގަޑި އިރަށެވެ. އެހެން ކަމުން ޔުނައިޓެޑް ބޯއިން 787 އިން ދަތުރު ކުރި ޕައިލެޓުން ޖެހުނީ އެމެރިކާގެ ނިއުޔޯކުގައި ބޯޓު ޖައްސާށެވެ. އޭގެ ފަހުން ބޯޓު ވަނީ އަނެއްކާ ވެސް ދަތުރު ފެށުމަށް ފަހު ސެންފްރެންސިސްކޯ އަށް ގޮސްފައި ކަމަށް ޔުނައިޓެޑް އެއާލައިންސް އިން ބުންޏެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ފްލައިޓް ޑައިވާޓް ކުރަން ޖެހުނީ ކޯޕައިލެޓުގެ ފައި ބިންދައިގެން ދިޔުމުގެ ސަބަބުންނެވެ. ނަމަވެސް ޔުނައިޓެޑް އެއާލައިންސްގެ ތަރުޖަމާނަކު ވަނީ އެރިޕޯޓުތައް ދޮގުކޮށްފަ އެވެ. އަދި ކޯޕައިލަޓުގެ ފައި ބިންދައިގެން ދިޔައީ މާކުރިން ލަންޑަންގައި ހުއްޓައި ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.