މިއަދުގެ ހަވީރު "ގައުމާއިގެން އަމާން ބަނދަރަކަށް" މި ނަމުގައި އެމްޑީޕީން ބާއްވާ މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ވެބްސައިޓުގައި ބުނަނީ، މިއީ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު އެފަދަ އެއްވުމެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށާއި އެ އެއްވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ކަމަށެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ނާޝީދާ މުހާތަބުކުރަން ފަށައިފައިވަނީ، އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ނެރެނު ފަހުން އާޓިފިޝަލް ބީޗުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ. ޕާޓީގެ ރައީސަކަށް ޑރ. އިބްރާހިމް ދީދީ ހޮވިވަޑައިގެންނެވިއިރު، ނައިބުރައީސްކަން ގެންދެވީ އަލްހާން ފަހުމީ އެވެ.

ދެ ދެބޭފުޅުން ވެސް ވަނީ މިހާރު ކުރިއަށްދާ ސިލްސިލާ މުޒާހަރާތައް ކުށްވެރިކުރައްވައި، އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމްޑީޕީން ބުނަނީ، މިހާރު ކުރިއަށްގެންދާ މުޒާހަރާތަކަކީ ޒުވާނުންގެ ނަން ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ފިނޑި އަމަލެއް ކަމަށެވެ.

އެމްޑީޕީން މިއަދު ބާއްވާ މުޒާހަރާ ފަށާނީ ސުނާމީ ބިނާ ކައިރިންނެވެ.

"މި އެއްވުމަކީ ތަކެތީގެ އަގުފުލުމުގެ ނަމުގައި ޑީއާރުޕީގެ އިތުރުން އިދިކޮޅު އެހެން ޕާޓީތައް ވެސް ގުޅިގެން ޒުވާނުންގެ ނަން ބޭނުންކޮށްގެން މާލެތެރެ ހަލަބޮލިކޮށް ސަރުކާރު ވައްޓާލުމަށް ފަށާފައިވާ ހަމަނުޖެހުންތަކާ ދެކޮޅަށް އެމްޑީޕީން ބާއްވާ އެއްވުމެކެވެ." އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އެމްޑީޕީން މުޒާހަރާއަށް ތައްޔާރުވާއިރު، އިދިކޮޅު ފަރާތްތަކުން ބައިވެރިވާ ތަކެތީގެ އަގުއުފުލުމާ ދެކޮޅު މުޒާހަރާވެސް މިއަދުގެ ހުކުރު ނަމާދަށްފަހު އެބަ އޮތެވެ.