ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހުންނަ އިމާރާތާއި، މާފަންނުގައި އޯޑިއޯން ކުރިން ހުންނަ އިމާރާތުގައި އަޅާ ފްލެޓުތަކުގެ މަސައްކަތް ކުރިޔަށް އޮތް އެއް މަސް ދުވަސް ތެރޭގައި ފަށާނެ ކަން އެ މަސައްކަތް ކުރިޔަށް ގެންދާ އެޕެކްސް ރިއަލްޓީ ކުންފުނިން ހާމަކޮށްފި އެވެ.

އެޕެކްސް ރިއަލްޓީ ކުންފުންޏަކީ، އިންޑިއާގެ ޓާޓާ ހައުސިންގ ޑިވެލޮޕްމެންޓް ކޮމްޕެނީގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެކުންފުނި ރާއްޖޭގައި މަސައްކަތް ކުރަނީ، އެ ކުންފުނީގެ ޕާޓްނަރު، ރާއްޖޭގެ ހޮޓެލްސް އެންޑް ރިސޯޓްސް ކޮމްޕެނީ (އެޗްއާރުސީ)އާ ގުޅިގެންނެވެ.

އެޗްއާރުސީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، ނާދީއާއި އޯޑިއޯންގައި އެޕެކްސްއިން އަޅާ ޖުމްލަ 120 ފްލެޓަކީ ލަގްޒަރީ ފްލެޓުތަކެއް ކަމަށާއި، އެ ފްލެޓުތަކަކީ އާންމުންނަށް ވިއްކާނެ ތަންތަން ކަމަށެވެ.

ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހުންނަ ބިން -- ސަން ފައިލް ފޮޓޯ

ސަތޭކަ ވިހި ފްލެޓުގެ ތެރެއިން ނާދީ ހުރި ބިމުގައި އަޅަން ހަމަޖެހިފައި ވަނީ 75 އެޕާޓްމެންޓެވެ. އަދި އޯޑިއޯން ހުންނަ ބިމުގައި އަޅަން ހަމަޖެހިފައި ވަނީ 45 އެޕާޓްމެންޓެވެ.

ޖަނާހު ވިދާޅުވީ މި އެޕާޓްމެންޓުތަކަކީ ސަރުކާރު މެދުވެރިކޮށް ވިއްކާ ތަންތަން ނޫން ކަމަށާއި، މިއީ އޯޕަން މާކެޓުގައި، އާންމުންނަށް ވިއްކުމަށް ހެދޭނެ އެޕާޓްމެންޓުތަކެއް ކަމަށެވެ.

ޓެރަހެއް ވެސް ލާފައި، 11 ބުރިއަށް ހެދޭ މި ދެ އިމާރާތަކީ ވެސް ވަރަށް ރީތިކޮށް ޑިޒައިންކުރެވި، ލަގްޒަރީ ޚިދުމަތްތަކެއް ލިބެން ހުންނާނެ ތަނެއް ކަމަށް ޖަނާހު ވިދާޅުވި އެވެ.

އޯޑިއޯން ހުރި ބިން -- ފޮޓޯ/ހަވީރު އޮންލައިން

"ސްވިމިންގ ޕޫލް އޮންނާނެ، ސްޕާ ހުންނާނެ. ކިޑްސް ކްލަބު ހުންނާނެ. އަދި ޝޮޕިންގ ވެސް އޮންނާނެ ތިރީގައި. އެންމެ ލަގްޒަރީކޮށް ހަމަ މިތަން ހެދޭނީ،"

ޖަނާހު ވިދާޅުވީ މިއީ ދެ އަހަރު ތެރޭގައި ނިންމަން މަސައްކަތް ކުރާނެ ދެ މަޝްރޫއު ކަމަށާއި، 2018 ވަނަ އަހަރުގެ މެދުތެރެއަށް މި ފްލެޓުތައް ނިންމާލެވޭނެ ކަމަށެވެ.