ނޭޝަނަލް ޕޭ ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި އެ ބިލު ފާސްކުރީ 49 މެމްބަރުންގެ ވޯޓާ އެކުގަ އެވެ.

އެ ބިލުގައި ބުނެފައި ވަނީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޭ ކޮމިޝަނެއް އުފައްދަން ޖެހޭނެ ކަމަށެވެ. ބިލު ކޮމެޓީން ދިރާސާކުރި ފަހުން އެ ބިލުގައި ޕޭ ކޮމިޝަން އުފައްދަން ޖެހޭނެ ކަމަށް ބުނާ މާއްދާއަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ ރައީސަކަށް ހުންނަން ވާނީ ދައުލަތުގެ މާލިއްޔަތާ ބެހޭ ކަންކަން ބަލަހައްޓަވާ ވަޒީރެއް ކަމަށެވެ. އަދި ނައިބު ރައީސަކަށް ހުންނަން ވާނީ ކޮމިޝަނަށް އައްޔަން ކުރައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅެއް ކަމަށެވެ.

ޕޭ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ މާލީ ނުވަތަ ހިންގުމުގެ ދާއިރާ އިން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލު ކުރުމާ އެކު މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ ކަމާ ގުޅޭ ދާއިރާ އިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހޭނެ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި ވަޒީފާ އިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާ އިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެއް ކަމަށެވެ.

ނަމަވެސް މުސާރަ ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރާ ބޭފުޅަކާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޝަރުއީ ދާއިރާ އިސްތިސްނާވެ އެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ނަމުގައި ޝާހު ހުށަހެޅުއްވި ބިލަކީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބަޔާންވެގެންވާ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ދިވެހި ދައުލަތުން މުސާރައާއި އިނާޔަތްދޭ ދައުލަތުގެ މުވައްޒަފުންނާއި ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ގިނަ ހިއްސާ އޮންނަ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި ލަފާ ދިނުމާއި ސިޔާސަތުތަކާއި އުސޫލުތައް މުރާޖާ ކުރުމާއި އިސްލާހު ކުރުމާއި އަލުން މުސާރައާ އިނާޔަތްތައް ކަނޑައެޅުމާއި އަދި މަގާމުން ވަކިވާ އިރު ދެވޭ އިނާޔަތްތައް ކަނޑައެޅުމުގެ ހަމަތައް ބަޔާންކުރާ ބިލެކެވެ.

ޝާހް ވިދާޅުވީ، އެފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި އަޅާ ކިޔާނެ ނުވަތަ ބުރަވާނެ ނުވަތަ ޕްރޮފެޝަނަލް މިންގަނޑުތަކެއް ދުރާލާ ކަނޑައެޅިފައި ހުންނާނެ ގޮތް ހެދުން ކަމަށެވެ.

އެފަދަ މިންގަނޑުތަކެއް ދުރާލައި، ކަނޑައެޅެމުންދާ ގައުމީ އޮނިގަނޑުތަކެއް ތައާރަފު ކުރުމާއި ދައުލަތުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތަކަކީ ގަދަރުވެރި ދިރުއުޅުމެއް މަގުފަހި ކުރާ ދިރި ހުރި މުސާރަ އަކަށާއި އިނާޔަތްތަކަށް ވުމަށް މަގުފަހި ކުރުމަކީ ވެސް އެ ބިލު ހުށަހެޅި ބޭނުމެއް ކަމަށް ޝާހް ވިދާޅުވި އެވެ.