އެއީ 1959 ވަނަ އަހަރެވެ. އުމުރުން 19 އަހަރުގައި ކާނަލް ރަންވިއްކާ އާދަމް މަނިކު ސިފައިންގެ އަށް ގުޅިވަޑައިގެން ފުރަތަމަ ދުވަހެވެ. އެރޭ އިރާކޮޅު ސިފައިންގެއިން އޭނާ ގެއަށް ފޮނުވީ ދަންވަރު އަނބުރާ ސިފައިންގެއަށް އައުމަށް އަންގަ އެވެ. އަމިއްލަ ކަމެއްގައި އުޅުމަށް ފަހު އެރޭ ނިދޭގޮތްވީ ތަންކޮޅެއް ލަހުންނެވެ. ކަންވީ ގޮތުން ދާން ބުނިގަޑިއަށް ސިފައިންގެއަށްދާން ނުހޭލެވުނެވެ. އެރޭ ހޭލެވުނީ ސިފައިންގެއިން މީހަކު އައިސް ގޮވުމުންނެވެ. އާއެކެވެ. ފުރަތަމަ ރޭ ގަޑިޖެހުނީ އެވެ.

ސިފައިންގެ ހަޔާތުގައި ފުރަތަމަ ޑިއުޓީ އަށް ގަޑިޖެހުން ވެގެންދިޔައީ އެތައް ބައެއްގެ މަލާމާތް ރައްދުވި ކަމަކަށެވެ. ސާމާސާ ރާގަށް "ކޮބާ އަދި އިރުނާރާދޯ" ފަދަ ބަސްތަކުން ދިމާކުރަން ފެށި ކަމަކަށެވެ. ކޮންމެ އަކަސް އެއީ އާދައިގެ ކަމަކަށް އާދަމް މަނިކަކަށްނުވި އެވެ. އެރޭގެ ފަހުން އަޒުމު ކަނޑައެޅީ ދެން އިރާދަކުރެއްވިއްޔާ ގަޑި ނުޖެހޭނެ ކަމަށެވެ.

52 އަހަރު ސިފައިންގޭގައި އުޅުއްވި އާދަމް މަނިކު-- ފޮޓޯ

"ﷲ އިރާދަކުރެއްވިއްޔާ 52 އަހަރުވީ އިރު އެދުވަހުގެ އިތުރުން އެއްކަމެއްގައި ވެސް ނޯންނާނެ ގަޑި ޖެހިފައެއް، ގަޑިޖެހުނީ އެންމެ ފަހަރަކު، އެއީ ފުރަތަމަ ރޭ. ވަރަށް ފަހުރުވެރިކަމާ އެކު މިހެން ބުނަން ކެރޭ،" އާދަމް މަނިކު ވިދާޅުވި އެވެ.

އޭގެ އިތުރުން 52 އަހަރުވީ ހިދުމަތުގައި އާދަމް މަނިކު މައްސަލައެއް ޖެހިގެން ވެރިއަކު އެއްވެސް އެއްޗެއް ބުނަންޖެހިފައެއްނެތްތާ ބަޔާނެއް ނަގަން ޖެހިފައެއް ވެސް ނެތެވެ.

ދިވެހި ސިފައިންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާ އިރު މިއީ ސިފައިންގޭގައި އެންމެ ގިނަ ދުވަހު އުޅުއްވި، އާދަމް މަނިކު އޭނާގެ ހަޔާތާ ގުޅޭ ގޮތުން ދިން ފުރަތަމަ އިންޓަވިއު އެވެ. އެ އިންޓަވިއު އާދަމް މަނިކު ދެއްވާފައި ވަނީ ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީއަށެވެ. މިއީ ސަން އަށް ވެސް ލިބިގެންދިޔަ ވަރަށްބޮޑު އުފަލެކެވެ.

އާދަމް މަނިކަށް ލިބިފައިވާ މެޑަލްތައް ދައްކާލަށްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

52 އަހަރުގެ ހިދުމަތުގެ ވާހަކަ

ކާނަލް ރަންވިއްކާ އާދަމް މަނިކު 1957 ވަނަ އަހަރުން ފެށިގެން ސިފައިންގޭގައި ހޭދަކުރެއްވި 52 އަހަރާއި ހަތަރު މަހާއި ފަސް ދުވަހުގެ ތެރޭގައި ސިފައިންގޭގައި ކުރެއްވި އިހުލާސްތެރި މަސައްކަތްތަކާ އެކު ޝަރަފުގެ ނިޝާނުގެ ގޮތުގައި ހަ ކުލަ އާއި އަށް މެޑަލް ލިބި ވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި ޖިހާދުގެ ރަތްމެޑަލް އާއި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އާއި އަހުލާގީ މެޑަލްގެ އިތުރުން ތިނެއް ނޮވެމްބަރުގެ މެޑަލް ހިމެނެ އެވެ.

އެއްވެސް އިރަކު ވަކި ރޭންކެއް ހޯދާކަށް ނުވިސްނަވަ އެވެ. އޭގެ ބަދަލުގައި މުޅިން ވެސް ވިސްނެވީ ވެރިން ހަވާލުކުރާ ކަންތައް އެންމެ ރަނގަޅަށް ކުރުމެވެ. އާދަމް މަނިކުގެ ކާމިޔާބީއަކީ އެއީ އެވެ.

ހިދުމަތުގައި އުޅުއްވި އިރު ފުލުސް އޮފީހުގެ މާރާމާރީއާ ބެހޭ ބަޔާއި ޓެކުމާއި ހިޔާނާތާ ބެހޭ ބަޔާއި ސިޔާސީ އަދި ދީނީ މައްސަލަތައްބަލާ ބައިގެ އިސްމަގާމުތައް ފުރުއްވާފައިވެ އެވެ. އެންމެ ފަހުން ހުންނެވީ އޯޑްނަންސް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާގެ މަގާމުގަ އެވެ. ރިޓަޔާކުރެއްވީ 2009 ވަނަ އަހަރުގަ އެވެ.

ކާނަލް އާދަމް މަނިކު ސިފައިންގެ ޔުނީފޯމުގައި--

ސިފައިންގެއަށް ގުޅިވަޑައިގެންއިރު އުޅުއްވަނީ 50 ބޭކަލުން

އެއީ ކިލެގެފާނު ވެރިކަމެވެ. ސިފައިންގޭގައި އުޅުއްވަނީ ގާތްގަނޑަކަށް އެންމެ 50 ބޭކަލުންނެވެ. އޭރު އާދަމް މަނިކުގެ ބައްޕަ އާއި ބޭބެ ވެސް އުޅުއްވީ ސިފައިންގޭގަ އެވެ. އާދަމް މަނިކުމެން ބެޗާ އެކު ސިފައިންގެއަށް ހަމަވީ 72 މީހުންނެވެ. އޭރު ސިފައިންގެއަށް ވަންދަމުން ދަނީ ސިޓީ އިން އެދިގެނެއް ނޫނެވެ. ފޫޓް އެޅުމަށް ފަހު ސިއްހީ މައްސަލައެއް ހުރިތޯ ބެލުމަށް ހާނި އާއި ޓީބީ ޓެސްޓް ހެދުމަށް ފަހު ވައްދަނީ އެވެ. އެއަށް ފަހު ޓްރެއިނިންއެއް ނަހަދަ އެވެ. ކުރަން ޖެހޭ ކަމަކީ ޕީޓީ ކުރުމެވެ.

އޭރު ސިފައިންގެ ބޭކަލަކަށް މުސާރައަކަށް ލިބެނީ 25 ރުފިޔާ އެވެ. އެއާ އެކު އަހަރަކު ހަތަރު ހެދުމާއި މައިންބަޕައިންގެ ފާތިހާ އަށް 150 ރުފިޔާގެ އެލަވަންސެއްދެ އެވެ. އޭރު ވެސް ސިފައިންގެ ތެރޭގައި ކެއުންބުއިމުގެ ކަންކަން އޮވެ އެވެ.

އާދަމް މަނިކު ވިދާޅުވާ ގޮތުގައި އޭރު ވެސް ސިފައިންގެ ޒިންމާއަކީ މިހާރެކޭ އެއްފަދައިން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމެވެ. އޭރު މަސައްކަތް ކުރަމުން ދިޔައީ އެންމެ އެކަށޭނަ ވަސީލަތްތަކާ ނުލަ އެވެ. އޭރަކު ތަމްރީނެއް ނަހަދަ އެވެ. ހަމައެކަނި އޮންނަނީ ޕީޓީ ކުރުމާއި ޕެރޭޑް ކުރުމެވެ. ދެން އެކިއެކި ކުޅިވަރުތައް ކުޅުމެވެ. އޭރުގެ ސިފައިންގެ މީހުންގެ ކިބައިން އާދަމް މަނިކަށް ފާހަގަކުރެވޭ އެންމެ ކަމުދާ ސިފައަކީ އެކުވެރިކަމެވެ. ގޭތެރޭ މަސައްކަތްތަކަށް ވެސް އެކަކު އަނެކަކުގެ އެހީތެރިކަމެވެ.

އާދަމް މަނިކު ސިފައިންގޭގެ ހަޔާތުގެ ތެރެއިން--

"ވަރަށް ވެސް ގާތްކަން އޮންނާނެ، މިސާލަކަށް ގޭގޭގައި ހުންނަ މަސައްކަތްތައް ކަމަށްވާ ބަނބުކެޔޮ ގަހެއް ކެނޑުން ނުވަތަ ފުރާޅެއް ބަދަލުކުރުން، ނުވަތަ ގެއެއްގެ ވަޅުދިޔަ ހިއްކުން ފަދަ ކަންކަމުގައި އެކުގައި ބައިވެރިވާނެ،" އޭރުގެ ހަނދާންތައް ހިއްސާކުރައްވަމުން އާދަމް މަނިކު ވިދާޅުވި އެވެ.

ތިނެއް ނޮވެމްބަރު ހާދިސާގައި ގަޔަށް ވަޒަން އެރި

އެންމެ ހިތްދަތިވި ދުވަސްތަކުގެ ތެރޭގައި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާދިން ދުވަސް އާދަމް މަނިކު ސިފަކުރައްވަ އެވެ. އެދުވަހު ގޭގައި އުޅުއްވުމަށް ފަހު ސިފައިންގެއަށް ވަޑައިގެން މަގުމަތިން އޭނާގެ ފަޔަށް ވަނީ ވަޒަނެއް އަރައިފަ އެވެ. ފައިގެ ތަނބިކައްޓާ ދިމާލުން އެރި އެ ވަޒަން އެއްކޮށްޅުންވަދެ އަނެއްކޮޅަށް ވަނީ ނުކުމެފަ އެވެ. އެހާދިސާ އަށް ރާއްޖެއިންނާއި ރާއްޖެ އިން ބޭރުން ވެސް ވަނީ ފަރުވާ ހޯދައްވައިފަ އެވެ.

ތިނެއް ނޮވެމްބަރުގައި ވަޒަންއެރިތަން އާދަމް މަނިކު ދައްކަވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދެން އެންމެ ހިތްދަތި ހާދިސާއަކަށް ހަދާން ހުންނަނީ 1978 ވަނަ އަހަރު ދޫނިދޫ އިން ވެލިބަރުކޮށްގެން ލަކުޑި ބަނޑެއްގައި މާލޭގެ މަގުތައް ހެދުމަށް ވެލިގެނައުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ބަނޑު ފެތިގެން ހަ ސިފައިން ނިޔާވި ހާދިސާ އެވެ.

ތާރީހީ މަސައްކަތްތަކުގައި ހިމެނިވަޑައިގެންނެވި

ސިފައިންގޭގައި ހޭދަކުރެއްވި 52 އަހަރު ތެރޭގައި އާދަމް މަނިކު ވަނީ އެ މުއްދަތުގައި ރާއްޖޭގައި ހިނގި ބޮޑެތި ހާދިސާތަކާ ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރޭގައި ދެކުނު ގަޑުބަޑުގެ ތެރޭގައި ސިފައިން ތިނަދޫ އަށް އެރިއެރުމުގައި ވެސް ބައިވެރިވެ ވަޑައިގަތެވެ. ހަމައެއާ އެކު އެތާރީހުގެ ތެރޭގައި ހިނގި ބޮޑެތި ކަންކަމުގެ ތަހުގީގުތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެވެ.

ރައީސް މައުމޫން އާދަމް މަނިކަށް ސެޓްފިކެޓެއް އަރުވަނީ--

ހަމައެއާ އެކު ހިދުމަތުގައި ވެސް މުހިންމު ކަންތައްތައް ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ހެދި ޑޮމެސްޓިކް އެއާޕޯޓްކަމަށްވާ ލ. ކައްދޫ އެއާޕޯޓް ހެދުމުގެ މަސައްކަތުގައި އިސްމީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން ހިމެނެ އެވެ.

ސިފައިންގެއަށް އައިސްފައިވާ ތަރައްގީއާމެދު ވަރަށް ހިތްހަމަ ޖެހޭ

އާދަމް މަނިކު ގަބޫލު ކުރައްވާ ގޮތުގައި ސިފައިންގެ ހިދުމަތްތައް ތަރައްގީވަމުން ކުރިއަރަމުން އައީ ހީވެސްނުކުރާހާ ބާރުމިނެއްގަ އެވެ. މިކަންކަން ތަރައްގީވެފައި ވަނީ ސަރުކާރާއި ސިފައިންގެ ވެރިންނާއި ގަދަހިތްވަރު ކަމަށް ގަބޫލް ކުރައްވަ އެވެ.

"ރާއްޖޭގެ ދިފާއީބާރު މިއަދު މިދެކޭ ކުރިއެރުންތަކަކީ އެ މުއައްސަސާދެކެ ލޯބިޖެހިފައިވާ ދިވެހި އެތަކެއް ދަރިންތަކެއްގެ ހިތްވަރާއި މިންނަތުގެ ނަތީޖާ،" އާދަމް މަނިކު ވިދާޅުވި އެވެ.

ސިފައިންނަށް ޓްރެއިނިން ފެށިގެން ދިޔައީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ފެށުމާ އެކު ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. ހަމައެއާ އެކު ސިފައިންގެ ޒަމާނީ ތަރައްގީ އާއި ދިމާލަށް މިސްރާބް ޖަހާފައި ވަނީ އެހާ ހިސާބުގައި ކަމަށާއި އޭރާއި މިހާރާއި ބަލާ އިރު މިހާރު ވަރަށް ވެސް ތަރައްގީ ކަމަށް އާދަމް މަނިކު ވިދާޅުވެ އެވެ.

"އޭރާއި މިހާރާއި އަޅާބަލާ އިރު ވަކިކަމަކުން ނޫން ހުރިހާ ކަމަކުން ވެސް ވަރަށް ބޮޑަށް ކުރިއަރާފައި ވަނީ، މީހުންގެ ހޭލުންތެރިކަމާއި ޓްރެއިނިންތަކާއި ކިޔެވުމާއި އެކަހަލަ ކަންތައްތަކަށް ވެސް ވަރަށް ބޮޑަށް ތަރައްގީވެފައި ވަނީ،" އާދަމް މަނިކު ވިދާޅުވެ އެވެ.

52 އަހަރު ސިފައިންގޭގައި އުޅުއްވި އާދަމް މަނިކު-- ފޮޓޯ

ސިފައިންނަށް ކުރަން ބޭނުންވާ އިލްތިމާސް

ގައުމަށް ދިމާވާ ކަންކަމުގައި ލިބޭ އާމްދަނީއަކަށް ނުބަލައި ދީނާއި ގައުމުގެ ދިފާއުގައި ސިފައިން ނުކުމެ މަސައްކަތް ކުރެއްވުމަކީ ސިފައިންގޭގައި އެންމެ ދުވަސްވީ އާދަމް މަނިކުގެ އިލްތިމާސް އެވެ.

"ގައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ ސިފައިންނަކީ ކުރާ މަސައްކަތުގައި ލިބޭ އާމްދަނީ އަކަށް އަޅާ ކިރާބައެއް ނޫނޭ، މިވަރުގަދަ އަސާސްގައި ސިފައިން ސާބިތުވެ ތިބޭއިރު އާންމު ރައްޔިތުނަށާއި އިސްލާމްދީނަށާއި ގާނޫނާއި ގަވައިދާއެއް ގޮތަށް ވެރިން އަންގަވާ ކޮންމެކަމެއް އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތް ކުރުމަށް،" މިއީ އާދަމް މަނިކުގެ އިލްތިމާސެވެ.

އަލަށް ސިފައިންގެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އާދަމް މަނިކު ދޭން ބޭނުންވާ ނަސޭހަތަކީ ސިފައިންގެއަކީ ރަނގަޅު އަހުލާގެއްގައި މީހާ ހުރުމަށް ވަރަށް ރަނގަޅު ތަނެއް ކަމަށާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށެވެ.

ފަންސާސް ދެ އަހަރުގެ ހިދުމަތަކީ އޭގެ އަގު ވަޒަން ކުރެވޭނެ ހިދުމަތެއްނޫނެވެ. މިއަދު އުމުރުން 78 އަހަރުގެ އާދަމް މަނިކުގެ އެއަގު ހުރި ހިދުމަތްތަކާ އެކު މިއަދު ވެސް ސިފައިންނާއި ދޭތެރޭ އުންމީދުތަކެއްކުރެ އެވެ. އެއީ ގައުމާއި އިސްލާމްދީނުގެ ދިފާއުގައި ވަފާތެރިކަމާ އެކު އަބަދުވެސް މަސައްކަތް ކުރުމުގެ އުންމީދެވެ. އާދަމް މަނިކުގެ އިލްތިމާސްއަކީވެސް އެއީ އެވެ.