20 Apr 2016, 13:45
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ތަފާތަކީ އެޓީމުގެ ބެންޗުގައި ވެސް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ތިބުން ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓްގެ މައްޗަށް މާޒިޔާ ކުރި ހޯދީ ފަހަތުން އަރައި، 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.
އިއްޔެގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސްޓޮއިކޯފް ބުނީ، މާޒިޔާއިން ގެނައި ބަދަލުން ތަފާތު ފެނުނު ކަމަށާއި ނިއު ރޭޑިއަންޓްގެ ބެންޗުގައި ތިބީ ޒުވާން ކުޅުންތެރިންތަކެއް ކަމަށެވެ.
"އަހަރެމެން މައްސަލައަކީ ސްކޮޑުގައި ތިބި ރަނގަޅު ކުޅުންތެރިންގެ އަދަދު މަދުވުން. ކުޅުންތެރިއެއް ބަދަލުކޮށްގެން އަހަރެމެންނަކަށް މެޗެއް ބަލަދެއް ނުކޮށްލެވޭނެ. އަހަރެމެން ޓީމުގެ ބެންޗުގައި ތިބީ ޒުވާން ކުޅުންތެރިންތަކެއް. މާޒިޔާގެ ބެންޗުން އަރަން ތިބީ ވެސް ގައުމީ ޓީމު ކުޅުންތެރިން. އެއީ އެންމެ ބޮޑު ތަފާތަކީ. އެމީހުން ގެނައި ބަދަލުން ތަފާތު ފެނުނު،" އޭނާ ބުންޏެވެ.
ސްޓޮއިކޯފް ބުނީ، ނިއު ރޭޑިއަންޓުން ދަނީ ކުޅުން ރަނގަޅުކުރަމުން ކަމަށާއި އިއްޔެގެ މެޗުގައި ނިއުއަށް ދެ ލަނޑު ކާމިޔާބުކުރެވުނު ކަމުގައިވިޔަސް ނިއުއަށް އަސްލު ހަގީގީ ފޯވަޑެއް ހޯދަން ޖެހޭ ކަމަށެވެ.
"އަހަރެން ނަތީޖާއާމެދު އަދި ރެފްރީގެ ނިންމުންތަކާ މެދު ވެސް ހިތްހަމަނުޖެހޭ. ދެވަނަ ކަމަކަށް އަހަރެންގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިފައި، އަދި ވަރަށް އުފަލުން. ކުޅުންތެރިން ވަރަށް ރަނގަޅަށް ޓީމެއްގެ ގޮތުގައި ކުޅުނު. ފުރަތަމަ ހާފް ރަނގަޅަށް ކުޅުނީ ނިއު ރޭޑިއަންޓުން. ދެވަނަ ހާފްގައި ރަނގަޅަށް ކުޅުނީ މާޒިޔާއިން،" އޭނާ ބުންޏެވެ.
ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާއިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އެވެ.