20 Apr 2016, 13:09
ލ. މުންޑޫ ގައި ހުންނަ ސިއްހީ މަރުކަޒުން އެއްވެސް ހިދުމަތެއް ނުލިބޭ ކަމަށް ބުނެ ބަންދުކޮށްފި އެވެ.
މުންޑޫ ކައުންސިލްގެ ރައީސް އިބްރާހިމް ނައީމް "ސަން" އަށް މިއަދު ވިދާޅުވީ، އެ ރަށު ސިއްހީ މަރުކަޒުން ހިދުމަތް ނުލިބޭތާ އަހަރުތަކެއް ވެފައިވާތީ މިއަދު ހެނދުނު 08:00 ޖެހި އިރު ސިއްހީ މަރުކަޒު ބަންދުކޮށްފައިވާ ކަމަށެވެ.
"މިއަދު ހެނދުނު 08:00 ޖެހި އިރު ސިއްހީ މަރުކަޒު ބަންދުކޮށްފި. އަށް އަހަރު ވެއްޖެ ސިއްހީ މަރުކަޒުން ހިދުމަތް ނުލިބޭތާ، އިދާރީ ކުއްޖަކު ވެސް ތަރުޖަމާ ކުރާނެ ކުއްޖަކު ވެސް ނޫޅޭ. ފެން ވެސް ނުލިބޭތާ ދެ އަހަރު ވެއްޖެ،" އިބްރާހިމް ނައީމް ވިދާޅުވި އެވެ.

މުންޑޫ ސިއްހީ މަރުކަޒުގެ ހާލަތު ދައްކުވައިދޭ ފޮޓޯއެއް --- ފޮޓޯ: މުންޑޫ ކައުންސިލް
އޭނާ ވިދާޅުވީ، ސިއްހީ މަރުކަޒުގެ ހާލަތު ހެލްތު މިނިސްޓަރާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށެވެ.
"މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އަޅުގަނޑުމެން މިނިސްޓަރާ ބައްދަލުކޮށް އެކަން ރިޕޯޓަކުންނާއި އަނގަބަހުން ހިއްސާކޮށްފައި ވާނީ. ތަނުގެ ހާލަތު ދައްކުވައިދޭ ކުރެހުންތަކުން ވެސް،" އިބްރާހިމް ނައީމް ވިދާޅުވި އެވެ.
ހަމައެއާ އެކު، އެ މައްސަލަތައް އެއް ހަފުތާތެރޭ ފުދޭ ވަރެއްގެ ހައްލެއް ގެނެސްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީ އިން ބުނީ، މުންޑޫ ސިއްހީ މަރުކަޒު ބަންދުކޮށްފައިވާކަން މިނިސްޓްރީ އަށް އެނގިފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަމަ އެއާ އެކު، އެ ރަށު ސިއްހީ މަރިކަޒަށް ބޭނުންވާ ދެ މުވައްޒަފުން ހޯދުމުގެ ހުއްދަ އަށް ފިނޭންސް މިނިސްޓްރީގައި މިހާރު އެދިފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ ޓީމެއް މިއަދު މުންޑޫ އަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.