މިއަދުގެ ހުކުރު ނަމާދަށްފަހު ބާއްވާ މުޒާހަރާތަކުގައި އެއްވެސް ބަޔަކު މުޒާހަރާކުރުމަށް ޖުމްހޫރީ މައިދާނަށާއި އެމްއެންޑީއެފުން ބަލަހައްޓަމުންދާ އާއްމުން އެއްވެ އުޅުން މަނާ ސަރަހައްދުތަކަށް އެއްވެއްޖެ ނަމަ، އިތުރު އިންޒާރަކައި ނުލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް )އެމްއެންޑީއެފް( އިން ދީފި އެވެ.

މިއީ އޭޕްރިލް 30، 2011 ވަނަ ދުވަހުގެ ރޭ ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ދިވެހި ސިފައިން އިންޒާރު ދިން ފުރަތަމަ ފަހަރެވެ. ކުރިން މުޒާހަރާތަކާ ގުޅިގެން އަންގާ އެންގުންތައް އަންނަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުންނެވެ.

އެމްއެންޑީއެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނަނީ، އެއްވެ އުޅުން މަނާ ސަރަހައްދުތަކުގައި މުޒާހަރާކުރުމަކީ މަނާ ކަމެއް ކަމަށެވެ.

"މުޒާހަރާކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނަށާއި އަދި ހާއްސަ ގޮތެއްގައި އެމްއެންޑީއެފުން ބަލަހައްޓަމުންގެންދާ އާއްމުން އެއްވެ އުޅުން މަނާ ސަރަހައްދުތަކުގައި މުޒާހަރާކުރުމަކީ މަނާކަމެއް ކަމުގައި އެންމެހާ ފަރާތްތަކަށް ހަނދާންކޮށްދިނުމުގެ ގޮތުން އަންގާ އިލްތިމާސްކުރަމަވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިތުރު އިންޒާރަކާ ނުލައި ފިޔަވަޅު އަޅާނެ ވާހަކަ އަންގަމެވެ." ސިފައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެއްވުން މަނާ ސަރަހައްދުގައި މިއަދު މުޒާހަރާކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ސިފައިން އަންގައިފައި މިވަނީ، ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ސިފައިން ނެރުމަށް މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު ގޮވައިލައިފަ ވަނިކޮށެވެ. ނަމަވެސް އިއްޔެ ނޭޝަނަލް ސެކިއުރިޓީގެ އެޑްވައިޒަރު އަދި ކްރައިމް ޕްރިވެންޝަން ކޮމެޓީގެ ޗެއާމަން އަމީން ފައިސަލް ވިދާޅުވެފައިވަނީ، މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ގައުމީ ދިފާއީ ބާރުން ނުކުންނަ ހިސާބަށް ކަންތައްތައް ގޮސްފައިނުވާ ކަމަށާއި ފުލުހުންނަށް މާލޭގެ ހާލަތު ކޮންޓްރޯލްކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް، ސިފައިން ގެންދަނީ އޭޕްރިލް 30 ވަނަ ދުވަހުގެ ރެއިން ފެށިގެން ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވަމުންނެވެ. އެހެންނަމަވެސް، މުޒާހަރާ ކުރާ ފަރާތްތަކާ ސީދަ ކުރިމަތިލައި، ފިޔަވަޅު އަޅައިފައެއް ނުވެ އެވެ. ފާއިތުވި ހަތަރު ރޭ ވެސް ވެހިކަލުތަކާއި ޓޭންކަރެއް ނެރެގެން ސިފައިން ފޯރިމަރަމުން ދަނީ ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ.

އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ޓޭންކަރާއި ސިފައިންގެ އިތުރު ވެހިކަލްތަކެއް ނެރެފައިވަނީ ރައްކާތެރިކަމާއެކު މީހުން އެއްތަނަކުން އަނެއް ތަނަކަށް ގެންދިއުމަށް ކަމަށެވެ. އަދި ސިފައިން ކޮންމެ ރެއަކު ނުކުންނަނީ ކޮން ފަރާތެއްގެ އެންގުމަކަށްތޯ ސުވާލުދެންނެވުމުން ވިދާޅުވީ، އެ ސުވާލު ދަންނަވަން ޖެހޭނީ ސެކިއުރިޓީ އެޑްވައިޒާ އަމީން ފައިސަލަށް ކަމަށެވެ.