14:30


ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސަހަރެއް ކަމަށްވާ ޕިޝާވަރުގެ ސެކިއުރިޓީ ޗެކްޕޮއިންޓަކަށް ހަނގުރާމަވެރިޔަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެ 11 މީހުން ޒަޚަމްވެއްޖެ އެވެ.


ޕިޝާވަރުގެ ފުލުހުންގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ބުނެފައިވަނީ މަރުވެފައިވާ ހަތަރު މީހުންނަކީ ވެސް ފުލުހުން ކަމަށާއި މިހާދިސާގައި އަނިޔާވެފައިވާ މީހުންގެ ތެރެއިން ދެމީހަކު ވަނީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށެވެ. އަދި މިހަމަލާގެ ސަބަބުން އެ ޗެކްޕޮއިންޓްގެ އިމާރާތް އެއްކޮށް ބިމާ ހަމަވެފައިވާ ކަމަށާއި ކައިރީގައި ހުރި ބައެއް ގެތަކާއި މިސްކިތްތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެފަރާތުން ބުނެ އެވެ.


ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސަރަހައްދަކީ އެގައުމާއި ތާލިބާން ފަދަ ހަނގުރާމަވެރިންގެ ޖަމާއަތްތަކާ ދެމެދު ހަމަލާ ބަދަލުކުރެވޭ މައި މަރުކަޒެވެ. ވޭތުވެދިޔަ އެއް އަހަރުތެރޭގައި މިސަރަހައްދުގައި ދޭ މިފަދަ ހަމަލާތައް ހުއްޓުވުމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ތަފާތު މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މި އެއް އަހަރުތެ ރޭ މިސަރަހައްދުގައި ދީފައިވާ އެކި އެކި ހަމަލާތަކުގެ ސަބަބުން 500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.