20 Apr 2016, 11:47
ސިއްހީ ފަރުވާ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހޭނައްތާނެ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރުމަށް ރައީސް ނަޝީދަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ މުއްދަތު އިތުރު 30 ދުވަހަށް އިތުރުކުރުމުން ޑޮކްޓަރުގެ ލަފާގެމަތިން އެމަނިކުފާނު ގެންދަވަނީ ފަރުވާ ހޯއްދަވަމުން ކަމަށެވެ.
އެގޮތުން ހޭނައްތައިގެން ހައްދަވަން ޖެހިވަޑަގަންނަވާ މެޑިކަލް ޕްރޮސީޖާއެއް މިއަދު އެމަނިކުފާނު ފަރުވާ ހޯއްދަވަމުންގެންދަވާ އިނގިރޭސިވިލާތުގު ހޮސްޕިޓަލްގައި ހައްދަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
"ރައީސް މުހައްމަދު ނަޝީދު މިއަދު ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތީ، އެމަނިކުފާނަށް ހެޔޮ އެދޭ އެންމެހައި ލޮބިވެތި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާދަންނަވަމެވެ،" ރައީސް ނަޝީދުގެ އޮފީހުގެ ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދު ސާޖަރީއެއް ހެދުމަށްޓަކައި މިއަދު ހޮސްޕިޓަލްގައި އެޑްމިޓްކުރާ ކަމަށް ގއ. ގެމަނަފުށީ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވި އެވެ. ނަމަވެސް ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވަނީ ރައީސް ޔާމީންގެ ވާހަކަފުޅު ދޮގުކުރައްވާފައެވެ.
ޖެހިގެން އައިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތުން ކަރެކްޝަންސް އަށް ފޮނުވާފައިވާ ލިޔުންތަކުގައި ސާޖަރީއެއް ހަދަން މިއަދު އެމަނިކުފާނު އެޑްމިޓްކުރާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަ ރައީސް ނަޝީދުގެ ވަކީލުން ދޮގުކުރާތީ އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފައިވާ އިތުރުކުރުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ހުޝާމް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް އިނާޔަތާ ރައްކާތެރިކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެން ރައީސް ނަޝީދަށް ދެމުން ގެންދިޔަ އިނާޔަތްތައް އެ ގާނޫނުގައިވާގޮތުގެ މަތިން މިހާރު ވަނީ ކަނޑާލާފައެވެ.