20 Apr 2016, 11:59
ސަންޓިއާގޯ(އޭޕްރިލް 20): ޗިލީގައި ސަތާރަ އަހަރު ވަންދެން އޮތް އަސްކަރީ ވެރި ކަމަށް ނިމުން ގެންނަވައި، އެގައުމަށް އަނެއްކާވެސް ޑިމޮކްރަސީ ގެންނެވި ކުރީގެ ރައީސް ޕެޓްރީސިއޯ އެލްވަރޭޒް އިއްޔެގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.
އަލްވަރޭޒްގެ އާއިލާއިން ވަނީ 97 އަހަރުގެ އަލްވަރޭޒް އަވަހާރަވީ ގުދުރަތީ ސަބަބަތަކުން ކަން ހާމަކޮށްފަ އެވެ.
އަސްކަރީ ބަޣާވާތަކުން ޗިލީގެ ވެރިކަމަށް ވަޑައިގެންނެވި އަގުސްޓޯ ޕިނޯޝޭގެ ވެރިކަން ސުލްހަވެރިކަމާ އެކު ބަދަލު ކުރެއްވި އަލްވަރޭޒް ފާހަގަކުރެވިފައި ވަނީ ޑިމޮކްރަޓިކް ވެރިކަމެއް ގާއިމު ކުރުމުގެ މަސައްކަތާ އެކު ޗިލީގެ އިގުތިސާދު ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރެއްވި ކުޅަދާނަ ރައީސެއްގެ ގޮތުގަ އެވެ.
އަދި އެލްވިންގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޕިނޯޝޭގެ އަސްކަރީ ވެރިކަމުގައި ހިނގާ ދިޔަ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށް ކޮމިޝަނެއް އުފެއްދެވުމެވެ. (ބީބީސީ)