މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހޮވުމަށް ނިންމާފައިވާ އެންމެ އުއްމީދީ ނޫސްވެރިޔާ އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެންމެ އުއްމީދީ ނޫސްވެރިޔާ އަށް ނަން ހުށަހެޅުމުގެ މުއްދަތު ކުރިން އޮތީ އިއްޔެގެ މެންދުރު 2:00 އާ ހަމަ އަށެވެ. ނަމަވެސް އެ މުއްދަތު އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް މިހާރު މުއްދަތު އިތުރުކޮށްފައިވާ ކަމަށް މީޑިއާ ކައުންސިލުން މިއަދު ބުންޏެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ދޭނީ "އެޑިޓަސް ޗޮއިސް" އިން ހޮވާލެވޭ ނޫސްވެރިޔަކަށެވެ.

އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޗާޕް ނޫސް، އޮންލައިން ނޫސް، ބްރޯޑްކާސްޓިން މީޑިއަމްއެއްގައި މަސައްކަތްކުރާ ނޫސްވެރިންގެ ތެރެއިން 2015 ވަނަ އަހަރުން ފެށިގެން އެ އަހަރުގެ ނިޔަލަށް އެ މީޑިއާއެއްގައި ނޫސްވެރިޔާ ވަޒީފާ އަދާކޮށްފައިވާ މުއްދަތުގައި، ނޫސްވެރިކަމުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނޫސްވެރިކަމުގެ މަސައްކަތް އެ މީޑިއާއަކަށް އެންމެ ފައިދާ ހުރި ގޮތެއްގައި ކޮށްދީފައިވާ، އަދި ނޫސްވެރިކަމުގައި ދެމިހުރުމުގެ ޝައުގާއި ގާބިލްކަން ހުރިކަމަށް އެ މީޑިއާއެއްގެ ނިއުސްރޫމްގެ އެންމެ އިސްވެރިޔާއަށް ފެންނަ ނޫސްވެރިޔާ އެވެ.

އެ މަގާމަށް ކުރިމަތިލުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޗާޕް ނޫސް، އޮންލައިން ނޫސް، ބްރޯޑްކާސްޓިން މީޑިއަމްތަކަށް ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެމްއެމްސީ އިން ބުނީ އެ މީޑިއާއެއްގައި މަދުވެގެން އެއް އަހަރު އަދި ގިނަވެގެން ތިން އަހަރު މަސައްކަތްކޮށްފައިވާ، އަދި މިހާރު ވެސް އެ މީޑިއާގެ ހިދުމަތުގައި ދެމި ހުރި، އުމުރުން 18 އަހަރާ 30 އަހަރާ ދެމެދުގެ ކޮންމެވެސް އެއް ނޫސްވެރިއެއްގެ ނަމާއި ވަނަވަރު އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މީޑިއާ ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.

އޭގެ އިތުރުން ވެސް ނޫސްވެރިޔާގެ މަސައްކަތަށް ބާރުލިބޭނެ ޑޮކިއުމެންޓުތަކާއި އިތުރު ބަޔާންތައް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މީޑިއާތަކުގެ ހުށަހެޅުންތައް ލިބުމުން އެ ފަރާތްތަކާއި މީޑިއާ ކައުންސިލުގެ ފަނޑިޔާރުންގެ ޕެނަލުން އިންޓަވިއުކުރާނެ އެވެ.

އެންމެ އުންމީދީ ނޫސްވެރިޔަކަށް ހޮވޭނީ އެންމެ މަތިން މާކްސް ހޯދާ ނޫސްވެރިޔާ އެވެ. އެ ނޫސްވެރިޔަކަށް މެއި މަހުގެ ތިން ވަނަ ދުވަހު އޮންނަ ޖަލްސާގައި ފައިސާގެ އިނާމާއި ހާއްސަ ހަނދާނީ ފިލައެއް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

އެ ޖަލްސާގައި އެ އިނާމަށް ކުރިމަތިލާ ނޫސްވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަސް ނޫސްވެރިން ވެސް އިއުލާނު ކުރާނެ އެވެ.

އެމްއެމްސީ އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މިއަހަރު ޖުމްލަ 60 އެޕްލިކޭޝަން ވަނީ ހުށަހަޅައިފަ އެވެ.

މި އަހަރު ހަތް ދާއިރާއަކުން އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ކޯޓާއި ޝަރުއީ ދާއިރާ، ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ، ކުޅިވަރު ދާއިރާ، ފޮޓޯ ޖާނަލިޒަމް ދާއިރާ، ވީޑިއޯ ޖާނަލިޒަމް ދާއިރާ އެވެ.

ނޫސްވެރިކަމުގެ އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ. އެ އެވޯޑުގެ މަގުސަދަކީ މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް ބާރު އެޅުމާއި ނޫސްވެރިންގެ މަސައްކަތަށް ހިތްވަރު ދިނުމެވެ.