ހުއްދަ ނޫންތަނަކަށް ވަދެ ވައްކަން ކުރި ކަމުގެކުށް ސާބިތުވެ ސ. ހުޅުދޫ، ނަފާ އަހުމަދު މިސްބާހު ހަ މަހާއި 36 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ވައްކަން ކުރިކަމުގެ ދައުވާ މިސްބާހުގެ މައްޗަށް ކޮށްފައި ވަނީ އެކެއް އޮގަސްޓް 2015 ވަނަ ދުވަހު ގ. ބީޗްނެސްޓްގޭ ގްރައުންޑް ފްލޯއަށް ވަދެ އެގޭގައި ދިރިއުޅޭ މީހެއްގެ ޖޯލޯ 600 ކިއު ބްރޭންޑްގެ ފޯނަކާއި ދެ ކެވެލިކޮޅާއި އަނގޮއްޓިއެއް އަދި ލެޕްޓޮޕެއްގެ އިތުރުން ހާޑްޑިސްކެއް ވަގަށް ނަގާފައި ވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އެމައްސަލަ ބަލައި ނިންމައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މިސްބާހު ވައްކަން ކުރިކަމަށް ކޯޓުގައި އިއުތިރާފުވެފައި ވާނީ ގާނޫނުލް އުގޫމާތުގެ 210 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަމްބަރުގެ ދަށުން ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރާ ކަމަށެވެ.

އަހުމަދު މިސްބާހުގެ މައްޗަށް ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ އެކެއް އޮގަސްޓު 2015 ވަނަ ދުވަހުގެ ރޭ 7:00 ޖަހާއެހާއިރު ގ. ބީޗްނެސްޓްގޭ ގްރައުންޑް ފްލޯއަށް އެގޭގެ ވެރިންގެ ހުއްދަނެތި ވަދެފައި ވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އެމައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ގ. ބީޗްނެސްޓްގޭ ގްރައުންޑް ފްލޯއަށް އެގޭގެ ވެރިންގެ ހުއްދަނެތި ވަތްކަމަށް މިސްބާހު އެއްބަސްވެފައި ވާތީ ގާނޫނުލް އުގޫބާތުގެ 230 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ)ގެ ދެ ވަނަ ނަމްބަރުގެ ދަށުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.