20 Apr 2016, 11:53
ބ. ތުޅާދޫގައި ވިހެއުމަށް ފަހު ދަރިފުޅު މަރާލި ކަމަށް ތުހުމަތު ކުރެވޭ އެރަށު ހުދުއަސުރުމާގޭ ފާރިހާ އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަ ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުން މިއަދަށް ތާވަލު ކުރުމަށްފަހު ކެންސަލަކޮށްފި އެވެ.
އެމައްސަލައިގައި ފާރިހާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ. އެއީ އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ އެވެ.
މިއަދު 10:00 އަށް ތާވަލުކުރެވުނު އެމައްސަލައިގެ މިއަދު އޮތީ ޖަވާބު ދާރީވުން ކަމަށާއި ނަމަވެސް އަޑުއެހުން ކެންސަލްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު ވިދާޅުވި އެވެ. އަޑުއެހުން ކެންސަލްވީ ފާރިހާގެ ވަކީލަށް ކޯޓަށް ހާޒިރު ނުވެވިގެން ކަމަށްވެސް މަނިކު ވަނީ ވިދާޅުވެފަ އެވެ.
އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލާފައިވަނީ ތުޅާދޫގައި އޭނާ ދިރިއުޅޭ ދޮންވެލިގޭގެ ފާޚާނާތެރެއަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ދަރިއަކު ވިހެމަށްފަހު ފާޚާނާތެރެއަށް ދަރިފުޅު ވެއްޓުމުން ފާޚާނާތަރެއަށް ފެންޖެހުމަށް ފަހު ނުކުމެގެންގޮސް، އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ފާޚާނާތެރެއަށް ވަދެ ފެންހިންދާ ވަޅުގަނޑުގެ ތެރެއަށް ފާރިހާ އެ ދަރިފުޅު ވައްޓާލާފައިވާ ކަމަށް ބުނެއެވެ.
އަދި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލީ ދަރިއަކު ވިހެއުމަށް ފަހު އެދަރިފުޅުގެ އުފަން ދުވަހުގެ ސެޓްފިކެޓު ހަދާފައިނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.
އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުންނެވެ.
މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ ފާރިހާގެ މައްޗަށް އުފުލީ ގާނޫނުލް އުގޫބާތުގެ 414 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.