ޑިގްރީ ފެންވަރަށް ވުރެ ދަށު ސަނަދުތަކުގައި ތިބި 2،814 މުދައްރިސަކަށް، ހެޔޮ އަގެއްގައި ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ނިންމައި، އެ ޔުނިވާސިޓީއާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެޑްވައިޒަރު އިބްރާހިމް އިސްމާއީލް އަލީއާއި، ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ އަލީ ފަވާޒް ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން މުދައްރިސުން ތަމްރީނު ކުރެވޭ ކޯސްތަކަކީ ބެޗެލާ އިން އާލީ ޗައިލްޑްހުޑާއި، ބެޗެލާ އޮފް ޕްރައިމަރީ އެޑިއުކޭޝަން ޖެނެރިކްއާއި، ބެޗެލާ އޮފް ޕްރައިމަރީ އެޑިއުކޭޝަން ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަނުގެ އިތުރުން، ސެކަންޑްރީ ސްކޫލުގެ ވަކިވަކި މާއްދާތައް ހިމެނެ އެވެ. އޭގެ ތެރޭގައި މެތަމެޓިކްސް، އިންގްލިޝް، އިކޮނޮމިކްސް، ބިޒްނަސް، އެކައުންޓިންގ، ފިޒިކްސް، ބަޔޮލޮޖީ، މެރިން ބަޔޮލޮޖީ، ކެމިސްޓްރީ، ޓްރެވަލް އެންޑް ޓުއަރިޒަމް ހިމެނެ އެވެ.

މި ކޯސްތަކަށް ފައިސާ ނުވަތަ ފީ، ޔުނިވާސިޓީއަށް ދައްކަން ޖެހެނީ މުދައްރިސުން އަމިއްލަ އަށެވެ. އެހެން ނަމަވެސް ކޯހުގެ ފީ ވަނީ ވަރަށް ބޮޑުތަން ހެޔޮ ކޮށްފަ އެވެ. ކަނޑައެޅިފައިވާ ކޯސްތަކުގެ ފީއަކީ ކޮންމެ އަހަރަކަށް 5،040 ރުފިޔާ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މި ފީއަކީ އާންމު ގޮތެއްގައި ނެގޭ ކޯސްފީގެ ގާތް ގަނޑަކަށް ތިންބައި ކުޅައެއްބައި ކަމަށެވެ.

ޑިގްރީ ފެނަވަރަށް އަގު ހެޔޮކޮށް، މުދައްރިސުންނަށް ކިޔެވޭނެ ގޮތަށް އެޑިއުކޭޝަނާއި އެމްއެންޔޫއިން އެކުލަވައިލި މި އެއްބަސްވުމުގެ ދަށުން، ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ކޯސްތަކަށް ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ދެވަނަ ސެމެސްޓާގެ އިންޓޭކާ އެކުގަ އެވެ.

މި ކޯސްތަކަށް ކުރިމަތިލެވޭނީ ހަމައެކަނި މިހާރު ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަށް އެކަނި ނޫން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.