20 Apr 2016, 11:29
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިންތިޒާމްކޮށް ހޯސްޓުކުރުމުގެ ހުއްދަ ތިންކް އެޑްވަޓައިޒިންއާ ހަވާލުކޮށްފިއެވެ.
މަޓާޓޯއާ ތިންކާއެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވީ މަޓާޓޯގެ ރައީސް އަބްދުالله ގިޔާސް ރިޔާޒް އަދި ތިންކް އެޑްވަޓައިޒިންގެ ސީއީއޯ އަދީލް އިސްމާއީލް އެވެ.
ދެހާސް ހަވަނައަހަރު ގާއިމްކޮށްފައިވާ މަޓާޓޯ އަކީ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކާއި އެއާލައިންތަކާއެކު ރާއްޖޭގެ ޓްރެވަލް ސިނާއަތުގެ އެންމެ އިސް އެއް ޖަމިއްޔާ އެވެ. މަޓާޓޯ އިން ޓްރެވަލް ސިނާއަތަށް ކުރައްވާ މަސައްކަތްތަކުގެ އިތުރުން، ބައިނަލް އަގުވާމީ ޓްރެވަލް ފެއާތަކުގައި ބައިވެރިވުމާއި އަހަރީ ޓްރެވަލް ގައިޑް ޝާއިއުކުރުމާއި މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބޭއްވުން ހިމެނެއެވެ.
މަޓާޓޯގެ ރައީސް އަބްދުالله ގިޔާސް ރިޔާޒް ވިދާޅުވީ، "ތިންކް އެޑްވަޓައިޒިންއާއެކު ވެވުނު އެއްބަސްވުމާމެދު ވަރަށް އުންމީދު ބޮޑު ކަމަށާއި ތިންކްގެ ތަޖުރިބާގެ އަލީގައި ދެފަރާތުން މަސައްކަތްކޮށް، ކުރިއަށް އޮތް ތަނުގައި އެ އެވޯޑް ޝޯ މުޅިން ތަފާތު ލެވެލް އެއްގައި ގެނެސްދެވޭނެ" ކަމަށެވެ.
ފަތުރުވެތިކަމުގެ ސިނާއަތުގައި އެ އެވޯޑަށް އޮތް އިތުބާރާއި ޔަގީންކަން އިތުރުވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ގިޔާސް ވިދާޅުވި އެވެ.
ތިންކް އެޑްވަޓައިޒިން އަކީ 2005 ގައި ހުޅުވިގެން ރާއްޖޭގެ އެޑްވަޓައިޒިން އަދި އިވެންޓް މެނޭޖްމަންޓްގެ ދާއިރާއިން އެންމެ ކުރީ ސަފުގައިވާ އެއް ކުންފުންޏެވެ. ވޭތުވެ ދިޔަ 11 އަހަރު ތެރޭގައި، އެކި ސިނާއަތްތަކުގެ އެތަކެއް ކުންފުނިތަކެއްގެ ބޮޑެތި ޙަފުލާތައް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.
ތިންކް އެޑްވަޓައިޒިންގެ ސީއީއޯ، އަދީލް އިސްމާއީލް ވިދާޅުވީ، އެ އެވޯޑް އިންތިޒާމްކޮށް ހޯސްޓްކުރުމަށް ތިންކް އެޑްވަޓައިޒިންއަށް ހަވާލުކުރިކަމަށްޓަކައި އެ ކުންފުނިން މަޓާޓޯއަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރު އެ އެވޯޑް އިންތިޒާމްކުރުމަށް މަޓާޓޯއާއި ކުރީގެ އޯގަނައިޒަރު ކޮށްފައިވާ އަގުހުރި މަސައްކަތް ފާހަގަކުރާކަމަށާއި ތިންކް އެޑްވަޓައިޒިން އިން އެ އެވޯޑް ދެން އިން ހަރުފަތަށް ގެންގޮސްދިނުމަށް މަސައްކަތްކުރާނެކަމަށެވެ.
ކުރިއަށް އަންނަ ހަފުތާތަކު ތެރޭގައި، އެވޯޑުގެ ހަފުލާ އޮންނާނެ ތާރީހާއި، ނޮމިނޭޝަންއަށް ނަން ހުށަހެޅުމަށާއި އެ އެވޯޑް ސްޕޮންސާކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެއެވެ.