ސަރުކާރުން އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނައުމުގެ ސަބަބުން ހައްދުން ނައްޓާވަރަށް ނުވަތަ މުޅި ބާޒާރުގެ ހަމަގެއްލޭ އެއްކަމެއްވެސް ނުހިނގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް ނަޝީދު ދެއްވި 96 ވަނަ ރޭޑިއޯ ހިތާބުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އިގުތިސާދަށް ބަދަލުތަކެއް ގެނައުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި، އެކުވެރި ދައުލަތްތަކުންނާއި، އަދި ރާއްޖޭގެ އެހެންވެސް އިގުތިސާދީ މާހިރުން އިލްތިމާސްކުރަމުންދާތާ ގާތްގަނޑަކަށް 20 އަހަރުވެދާނެ ކަމަށެވެ. އަދި މިއަދު އެ ފަރާތްތަކުން އިލްތިމާސްކުރާ ގޮތަށް ކަންކަން ނުކޮށްފިނަމަ، "މާދަމާ އަޅުގަނޑުމެންނަށް ދެން ދިމާވާނެ ދަތުރު އަދި މާ އުނދަގޫވާނެ" ކަމަށާއި "ކުރާންޖެހޭ މަސައްކަތްވެސް، އެހާ ހިތިވާނެ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން، މިއަދު ކުރިއަށްދަނީ އެ މަސައްކަތް ކަމާށާއި އެކަމުން ބާޒާރުގެ ހަމަގެއްލޭ އެއްވެސް ކަމެއް ނުހިނގާ ކަމުގައި ރައީސް ވިދާޅުވި އެވެ؛ "މިއަދު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަން މި އޮއް ކޮށް ނިންމެނީ. އަޅުގަނޑުމެންނަށް ހައްދުން ނައްޓާވަރަށް އަދި މުޅި ބާޒާރުގެ ހަމަގެއްލޭ ހަމަ އެއްކަމެއްވެސް އިރާދަކުރެއްވިއްޔާ ނުހިނގި،"

ޑޮލަރުގެ އަގުބޮޑުކުރުމާ ގުޅިގެން ތަކެތީގެ އަގުއުފުލިފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހިނގަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، ވާދަވެރި ފަރާތްތަކުގެ އަޑު އަބަދުވެސް އިވެމުންދާނެ ކަމަށާއި އެއީ އެކަން ހިނގަން ޖެހޭނެ ގޮތް ކަމަށެވެ. އަދި ވިދާޅުވި އެވެ؛ "އެހެންނަމަވެސް، އެއްވެސް ކަމެއް މަތިކޮށް، ޖިނާއީ ހަރަކާތްތައް، ކުށްކުރުމުގެ، ކުށުގެ ތެރެއަށް ވަދެގަނެ، ތަންތަނަށް ގެއްލުންދީ، ތަކެތި ރޯކޮށް، މި ބާވަތުގެ އަމަލުތައް ކުރުމަކީ، އަޅުގަނޑަށް ފެންނަ ގޮތުގައި، އަޅުގަނޑުމެން ބިނާކުރަން މިއުޅޭ ރިވެތި ޑިމޮކްރަސީ ބިނާކުރުމަށް އެޅޭ ހުރަހެއް،

މީގެ އިތުރުން އެހެން މީހުންނަށް ގެއްލުން ލިބި، އެހެން މީހުންނަށް އުނދަގޫވެ، އެކަމާހުރެ މުޅި މާލޭގެ އަމަން، ގެއްލިދާ ބާވަތުގެ ކަންކަން އެއީ އެއްވެސް މީހަކު ތާއީދު ކުރާނެ ކަމެއް ނޫން ކަން ފާހަގަކުރައްވަމުން ވަނީ، އެފަދަ އަމަލުތައް ނުހިންގުމަށާއި ގައުމީ މަސްލަޙަތަށް ބެލުމަށް ވާދަވެރި ފަރާތްތަކަށް އިލްތިމާސްކުރައްވައިފަ އެވެ.

ރައީސްގެ މިއަދުގެ ހިތާބުގައިވެސް ވަނީ ތަކެތީގެ އަގުބޮޑު ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެހެން ޒަރޫރީ ގޮތުން ބޭނުންވާ ތަކެތީގެ އަގުބޮޑުނުވެ، އެސްޓީއޯއިން އަގު ހިފަހައްޓަމުންދާ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުންވެސް އެތަކެތީގެ އަގުބޮޑުކޮށްފައިވީ ވެސް، ވަރަށް ކުޑަކުޑަ މިންވަރަކުން ކަމުގައި ރައީސް ވިދާޅުވި އެވެ.

"އެހެނެއް ނޫން، ބައެއް ލަގްޒަރީ އައިޓަމްސް، މުނިފޫހިފިލުވުމުގެ ބައެއް ސާމާނާއި އަދި އެހެންވެސް ބައެއް ތަކެތި އަގުބޮޑުވެގެން ހިނގައްޖެ، ޑޮލަރާ ގުޅިގެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުން، އެ އަގުބޮޑުވުމުގެ އިތުރުން، ވެދިޔަ އެހެން ކަންކަމަށްވެސް ބަލަން ޖެހެ އެވެ. އެގޮތުން
ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން، ޑޮލަރުން އާމްދަނީ ލިބޭ މަސްވެރިންގެ އާމްދަނީ ކިތަންމެ ތަނަކުން ބޮޑުވެގެން ހިނގައްޖެ ކަމަށާއި، ޓޫރިސްޓް ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވިސް ޗާޖަށް ރުފިޔާއިން ލިބޭ އަދަދު ވެސް ވަރަށް ބޮޑު ތަނުން އިތުރުވެގެން ހިނގައްޖެކަން ރައީސް ފާހަގަކުރެއްވި އެވެ.

"މަސްވެރިންނަށް ފައިސާ މި ލިބެނީ، އާމްދަނީއެއް މި ލިބެނީ ހަގީގތުގައި ޑޮލަރުން. އެއީ، ބާނާމަސް އެކްސްޕޯޓް ކުރާތީ. މަސްވެރިންގެ އަތުން މަސްގަންނަ އަގު، މަސްއެކްސްޕޯޓް ކުރާ ފަރާތްތަކުން، ޑޮލަރުގެ އަގު އެރުމާ ގުޅިގެން، ރުފިޔާއިން ދޭ އަދަދުތައް ބޮޑުކުރަމުން އެބަ ގެންދޭ. މިހާރު ރޯމަސް ކިލޯއެއްގެ އަގަކީ، އަޅުގަނޑު އިއްޔެ ފެލިވަރުން ބެލިއިރުގައި 16 ރުފިޔާ. މަސްވެރިންގެ އާމްދަނީ އެދިޔައީ ކިތަންމެ ތަނަކުން ބޮޑުވެގެން. އަދި ހަމައެހެންމެ ރާއްޖޭގައި ދެން މަސައްކަތް ކުރާ އެންމެ ގިނަ ބަޔަކު މަސައްކަތް ކުރަމުން މިދަނީ ޓޫރިޒަމްގެ މަސައްކަތުގައި. ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ސަރވިސް ޗާޖް މި ލިބެނީ ޑޮލަރުން. އެހެންވީމާ، ސަރވިސް ޗާޖަށް ރުފިޔާއިން ލިބޭ އަދަދު، ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ތަނުން އިތުރުވެގެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، ޑޮލަރުގެ އަގަށް ސަރުކަރުން ބަދަލު ނުގެންނަގަ ދުވަހު "ހަގީގަތުގައި އެ އޮތީ އެފަރާތްތަކަށް ވަރަށް ބޮޑު ބޭއިންސާފެއް ރައްދުވޭވޭ" ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.

އަދި މިއަދު ރާއްޖޭގެ އިގުތިސާދީ ފަންވަރާއި މި ރާއްޖޭގެ މާލީ ކަންކަމަށް ބަލައި، ރާއްޖޭގައި ހަމައަގުތައް ފުރަތަމަ ފަހަރަށް ބަޔާންވެގެންދާ ކަމަށާއި މި މަގުން ދިޔައިމަ ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ ބަދަލު ގެންނަން ބޭނުންވާ ވަރަށް ރާއްޖެއަށް ޑޮލަރު ވަންނަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނައި ފަހުން އައި ފުރަތަމަ ހަފްތާގައިވެސް، ބޭންކްތަކަށް ވިޔަފާރިވެރިން ބޭރުފައިސާ ވިއްކާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެއްޖެ ކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން ހަތަރު މިލިއަންގައި ހުރި އެއްޗެއް 16 މިލިއަނަށް ބަދަލުވެ، ހިނގާ މިދިޔަ ހަފްތާގައި އެ އަދަދުވަނީ 20 މިލިއަނަށް އަރާފައި ކަމަށާއި، އަދި ބޭންކްތަކުން ވިޔަފާރިވެރިންނަށާއި އާންމުފަރާތްތަކަށް ޑޮލަރު ވިއްކާ އަދަދުވެސް މިހާރު ވަނީ ދެގުނައަށް އިތުރުވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.