20 Apr 2016, 12:21
ޒޫރިކް (އޭޕްރިލް 20): ސީރިޔާގެ ދެ ފިރިހެން ކުއްޖަކު ސްވިޒަލޭންޑުގެ އަންހެން ޓީޗަރުންނާ ސަލާން ކުރަން ދެކޮޅު ހެދުމުން އެ ގައުމުން ރަށްވެހިކަން ދިނުމުގެ މަސައްކަތް މެދުކަނޑާލައިފި އެވެ.
ސްވިޒަލޭންޑުން 2001 ވަނަ އަހަރު ހިމާޔަތް ހޯދާފައިވާ ސީރިޔާ ރައްޔިތެއްގެ 14 އަހަރާއި 15 ދެ ފިރިހެން ކުދިން ވަނީ، ހިލޭ އަންހެނުންނާ ސަލާން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމުން އަންހެން ޓީޗަރުންނާ ސަލާން ނުކުރެވޭނެ ކަމަށް އެ ކުދިން ދިރިއުޅެމުން އަންނަ ތާވިލް މުނިސިޕަލްޓީގެ ތައުލީމާ ބެހޭ އޮފިޝަލުންނަށް އަންގައިފަ އެވެ. އަދި އެ އޮފިޝަލުން ވަނީ އެ ދެ ކުދިން އަންހެނުންނާ ސަލާން ކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް، އޮފިޝަލުންގެ އެ ނިންމުމާ ގުޅިގެން ސްވިޒަލެންޑުގެ ބައެއް ސިޔާސީ އިސް ފަރާތްތަކުން ވަނީ "ސަލާން ކުރުމަކީ އެ ގައުމުގެ ސަގާފަތުގެ ބައެއް" ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.
އަދި އޭގެ ފަހުން ތާވިލް ކައުންޓީގެ އިމިގްރޭޝަން އޮފީހުން ވަނީ އެދެ ފިރިހެން ކުދިންނަށް ރަށްވެހިކަން ދިނުމުގެ މަރުހަލާތައް މެދުކަނޑާލާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، ސިޓިޒެންޝިޕް ބޭނުންވާ އާއިލާތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން، އެ މަސައްކަތް މެދުކަނޑާލުމަކީ އާއްމު ކަމެއް ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ސްވިޒަލޭންޑުގެ އަށް މިލިއަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 350،000 މީހުންނަކީ މުސްލިމުންނެވެ. (އަލްޖަޒީރާ)