މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިދިޔަ އަހަރު ބޭއްވި ކޮޕް 21 ވަނަ ބައްދަލުވުުގައި އެކުލަވާލައިފައިވާ ޕެރިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް އެންވަޔަރަމެންޓު މިނިސްޓަރު ޠާރިޤު އިބްރާހިމް ނިއުޔޯކަށް ފުރާވަޑައިގެންފި އެވެ.

ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނަސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ، ޕެރިސް އެގްރީމެންޓުގައި އަންނަ ހުކުރު ދުވަހު 150 ވުރެ ގިނަ ގައުމަކުން ސޮއި ކުރާނެ ކަމަށެވެ.

"ގާތްގަނޑަކަށް 150 އަށް ވުރެ ގައުމަކުން ސޮއި ކުރާނެ، އެހެންނަމަވެސް ވަރަށް މަދު ގައުމަކުން މި ތަސްދީގު މިކުރަނީ،" މިނިސްޓަރު ޠާރިޤު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، 11 ވަރަކަށް ގައުމަކުން އެ އެގްރީމެންޓް ތަސްދީގު ކުރާނެ ކަމަށާއި އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.

"އޭގެ ތެރޭގައި އަޅުގަނޑުމެން ރާއްޖެ އިން އިސްނަގައިގެން އޭއޯސިސްގެ ޗެއާ އަކަށް ވާތީ، އޭއޯސިސްގެ ގައުމުތަކަށް އަޅުގަނޑުމެން އިސް ނަގައިގެން ވާހަކަ ދެކެވިފައި ވަނީ، ވީހާ ވެސް ގިނަ އޭއޯސިސް ގައުމުތަކުން މި ސޮއިކޮށް ތަސްދީގުކުރުމަށް،" މިނިސްޓަރު ޠާރިޤު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ ގިނައިން ޖައްވަށް ވިހަ ގޭސް ދޫކުރާ ބޮޑެތި ގައުމުތަކުން ވެސް ވީހާ ވެސް އަވަހަކަށް ޕެރިސް އެގްރީމެންޓުގައި ސޮއިކޮށް ތަސްދީގު ކުރުމަށް ގޮވާލާ ކަމަށެވެ.

"އެ ގޮތަށް ސޮއިކޮށް ތަސްދީގުކޮށްފި ކަމުގައިވާ ނަމަ މި އެގްރީމެންޓު ބާރުވެރި ވެގެންދާނެ. މި އެގްރީމެންޓު ބާރުވެރިވެގެންދާން ބޭނުންވޭ މި އެގްރީމެންޓުގައި އެއްބަސްވި ގައުމުތަކުގެ ތެރެއިން 55 ގައުމު،" މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެއާ އެކު، ޖައްވު ހޫނު ވުމާއި މޫސުމަށް އަންނަ ބަދަލުތައް މަދު ކުރެވޭނީ ބޮޑެތި ގައުމުތަކުން އެއްބާރުލުން ދީގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.