ގިނަ އަދަދެއްގެ ދަރިވަރުންތަކެއް "ޖިންނި މޮޔަވެގެން"، މެލޭޝިޔާގެ އުތުރުގެ ސަރަހައްދެއްގައި ހުރި ސްކޫލެއް ބަންދުކޮށްފި އެވެ.

މިދިޔަ ހަފްތާގައި، މެލޭޝިޔާގެ ކެލަންޓަން ސްޓޭޓުގެ ކޯޓާ ބަރޫ ނަމަކަށް ކިޔާ ސިޓީގެ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުންނަށް ސްކޫލު ތެރެއިން ޖިންނި ފަދަ އެއްޗެއްހި ފެނި، ބުނެދޭން ނޭނގޭ ކަހަލަ ކަންކަމާ ސްކޫލު ތެރެއިން ދިމާވަމުން ދާ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ސްކޫލު ބަންދުކޮށް، އިމާމުންނާއި ދަންނަ ބޭކަލުންނާއި އަދި ރާޤީއިން އެތަނަށް ގެނެސް، ގުރުއާން ކިޔެވުމާއި ރުޤްޔާ ކިޔެވުން އެތަނުގައި ކުރިޔަށް ގެންގޮސްފަ އެވެ.

އެ ސްކޫލު ހާލަތު، ކުރީގެ ހާލަތަށް ރުޖޫއަވި ކަމަށް ހީކޮށް އާދީއްތަ ދުވަހު ސްކޫލު އަލުން ހުޅުވި އިރު، އެކަމާ މެދު ގިނަ ފަރާތްތަކަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

މިދިޔަ ހަފްތާގައި އެ ސްކޫލުގެ ބައެއް ދަރިވަރުން ބުނީ، ކަޅު ކުލައިގެ ހިޔަންޏެއް ސްކޫލު ތެރެއިން އެކުދިންނަށް ފެނިފައިވާ ކަމަށެވެ. އަދި ސްކޫލުގެ މުދައްރިސަކު ބުނެފައިވާ ގޮތުން، އެ ހިޔަނި އޭނާގެ ގައި ތެރެއަށް ވަނުމަށް ވެސް މަސައްކަތް ކޮށްފައި ވެ އެވެ.

ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން ހިމެނޭ ގޮތަށް، ގާތްގަނޑަކަށް 100 ވަރަކަށް މީހުންނަށް މިކަމުގެ އަސަރު ކުރި ކަމަށް އެ ސްކޫލުގެ މުވައްޒަފަކު ވަނީ ބީބީސީ އަށް ކަށަވަރު ކޮށްދީފަ އެވެ.

"މިތަނުގެ ދަރިވަރުން ތިބީ އެ ކަމުގެ ނުފޫޒުގެ ދަށުގައި، އުނދަގޫވެފައި. ވީގޮތެއް އަސްލު ނޭނގޭ. އެކަމަކު އެކަމުގެ އަސަރު ކުރި ގިނަ ބަޔަކަށް،" އޭނާ ބުންޏެވެ.

މަސްދަރު: ބީބީސީ