20 Apr 2016, 10:03
ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް އެކަން ކުރެވޭ ގޮތަށް ސިޓިޒެންޝިޕް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އެ ބިލު ދިރާސާ ކުރެއްވި ގައުމީ ސަލާމަތު ކޮމެޓީން ފާސްކޮށް، ބަހުސަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު ހުށަހެޅުއްވި އިސްލާހު ކޮމެޓީން ފާސްކުރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
ބިލު ދިރާސާކުރި ގައުމީ ސަލާމަތު ކޮމެޓީން ވަނީ ބިލަށް ގިނަ އިސްލާހުތަކެއް ގެނެސްފަ އެވެ.
ކޮމެޓީން ވަނީ 18 އަހަރު ނުފުރޭ ކުދިންނަށް ހާއްސަ އުސޫލެއް ބަޔާންކޮށްފަ އެވެ. އެގޮތުން ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހެއްގެ 12 އަހަރު ނުފުރޭ ދަރިއެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލަން އެދޭ ނަމަ އެކުއްޖެއްގެ ދިވެހި ރައްޔިތުކަން ދޫކޮށްލެވޭނީ ކުއްޖާގެ މަންމައާ ބައްޕައާ ދެމީހުންނަކީ ދިވެހިން ކަމުގައިވެ އޭގެތެރެއިން ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުން ވަނީ އެކަކު ކަމުގައިވެ ކުއްޖާގެ ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ހުއްދަ ދެން ހުރި ބެލެނެވިޔާ ދިނުމުން ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް ދިވެހި ރައްޔިތުކަން ދޫކުރުމަށް އިގުރާރު ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ އިގްރާރެއް ހުށަހަޅާ ފަރާތަކީ އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ނުވަތަ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ފަރާތަކަށް ވާންޖެހެ އެވެ.
ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހާ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ފޯމާއި އެ މީހަކަށް ދޫކޮށްފައިވާ ދިވެހި ރައްޔިތުކަން އަންގައިދޭ ކާޑުގެ ކޮޕީއާ ދިވެހި ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަންޖެހެ އެވެ. ހަމައެއާއެކު އޭނާގެ ބިމެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އޮތްނަމަ އެ ބިން ދޫކޮށްލަން އެދޭ ގޮތާއި ބިން ބަދަލުކުރަން ގަސްދުކުރާ ފަރާތުގެ މައުލޫމާތު ހޯމް މިނިސްޓަރަށް ހުށަހަޅަންޖެހެ އެވެ.
ދިވެހި ރައްޔިތުކަން ދޫކުރުމަށް ބޭނުންވާ މީހާ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ ހުށަހެޅުންތައް ފުރިހަމަކޮށް މިނިސްޓަރަށް ހުށަހަޅައިފި ނަމަ އެ ހުށަހެޅުން ނިސްބަތްވާ ފަރާތުން ދިވެހި ރައްޔިތުން ދޫކޮށްލުމުގެ އިގްރާރާއި ގާނޫނުގައި ބަޔާންކޮށްފައިވާ ބިން ދޫކޮށްލުމުގެ އިގްރާރުގައި ސޮއިކުރަންޖެހެ އެވެ. އެ އިގްރާރުތަކުގައި ސޮއިކުރަންޖެހޭނީ މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތެއްގެ ހާޒިރުގަ އެވެ.
އެ އިގުރާރުގައި ސޮއިކުރުމާއި ދިވެހި ރައްޔިތެއްކަން އަންގައި ދިނުމުގެ ގޮތުން ދޫކޮށްފައިވާ ކާޑާއި ޕާސްޕޯޓު މިނިސްޓަރަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހަވާލުކުރަންޖެހޭނެ އެވެ. އަދި އޭނާ ދިވެހި ރައްޔިތުކަން ދޫކޮށްފައިވާ ކަމުގެ ލިޔުން މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކުން އެ މީހަކަށް ދޭންޖެހޭނެ އެވެ. އަދި އެ ލިޔުން ދޫކުރާ ތާރީހުން ފެށިގެން އެ މީހަކަށް ދިވެހި ރައްޔިތެއް ކަމަކަށް ނުބެލެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކަށް ހަމަސް ދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބިއްޖެ ނަމަ އޭނާ އަކީ ދިވެހި ރައްޔިތުކަން ދޫކޮށްލާފައިވާ މީހެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.
ދިވެހި ރައްޔިތުކަން ދޫކުރުމަށް ބޭނުންވާ ފަރާތް ރާއްޖޭގައި ދިރިއުޅެމުން ދިއުމާއި ރާއްޖޭގައި ހަނގުރާމައިގެ ހާލަތެއް އޮތުމުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވާ ނަމަ ދިވެހި ރައްޔިތުކަން ދޫކުރުމަށް ހޯމް މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުން ބަލައި ނުގަތުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެ އެވެ.
ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ކޮންމެ މީހަކަށް ގާނޫނުގައިވާ ގޮތުގެ މަތީން ދިވެހި ރައްޔިތުކަން ދޫކޮށްލެވޭނެ ކަމަށެވެ.
ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މުބީން ވިދާޅުވީ، ގާނޫނު އަސާސީގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ދިވެހި ރައްޔިތުކަން ދޫކުރެވޭނެ އިޖުރާއަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.