20 Apr 2016, 09:56
ނޭޝަނަލް ޕޭ ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލު ދިރާސާކުރި އިގްތިސާދީ ކޮމެޓީން އެ ބިލު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ނަމުގައި ހުށަހެޅުއްވި އެ ބިލު އިގްތިސާދީ ކޮމެޓީން ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޭ ކޮމިޝަނެއް އުފައްދަން ޖެހޭނެ ކަމަށެވެ. އެ ކޮމިޝަނުގައި ދައުލަތުގެ މާލިއްޔަތާ ބެހޭ ކަންކަން ބެލެހެއްޓުމަށް އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައި ހުންނަ ވުޒާރާއެއްގެ ވަޒީރާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު ބޭފުޅަކު ހުންނާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ ރައީސަކަށް ހުންނަ ވާނީ ދައުލަތުގެ މާލިއްޔަތާ ބެހޭ ކަންކަން ބަލަހައްޓަވާ ވަޒީރެއް ކަމަށެވެ. އަދި ނައިބު ރައީސަކަށް ހުންނަވާނީ ކޮމިޝަނަށް އައްޔަން ކުރައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅެއް ކަމަށެވެ.
ޕޭ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ މާލީ ނުވަތަ ހިންގުމުގެ ދާއިރާ އިން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލު ކުރުމާއި އެކު މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ ކަމާ ގުޅޭ ދާއިރާ އިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަންޖެހޭނެ ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި ވަޒީފާ އިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާއިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެއް ކަމަށެވެ.
ނަމަވެސް މުސާރަ ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރާ ބޭފުޅަކާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޝަރުއީ ދާއިރާ އިސްތިސްނާވެ އެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ނަމުގައި ޝާހު ހުށަހެޅުއްވި ބިލަކީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބަޔާންވެގެންވާ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ދިވެހި ދައުލަތުން މުސާރައާ އިނާޔަތްދޭ ދައުލަތުގެ މުވައްޒަފުންނާއި ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ގިނަ ހިއްސާ އޮންނަ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި ލަފާ ދިނުމާއި ސިޔާސަތުތަކާއި އުސޫލުތައް މުރާޖާ ކުރުމާއި އިސްލާހު ކުރުމާއި އަލުން މުސާރައާ އިނާޔަތްތައް ކަނޑައެޅުމާއި އަދި މަގާމުން ވަކިވާ އިރު ދެވޭ އިނާޔަތްތައް ކަނޑައެޅުމުގެ ހަމަތައް ބަޔާންކުރާ ބިލެކެވެ.
ޝާހް ވިދާޅުވީ، އެފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި އަޅާ ކިޔާނެ ނުވަތަ ބުރަވާނެ ނުވަތަ ޕްރޮފެޝަނަލް މިންގަނޑުތަކެއް ދުރާލާ ކަނޑައެޅިފައި ހުންނާނެ ގޮތް ހެދުން ކަމަށެވެ.
އެފަދަ މިންގަނޑުތަކެއް ދުރާލައި، ކަނޑައެޅެމުންދާ ގައުމީ އޮނިގަނޑުތަކެއް ތައާރަފު ކުރުމާއި ދައުލަތުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތަކަކީ ގަދަރުވެރި ދިރުއުޅުމެއް މަގުފަހި ކުރާ ދިރި ހުރި މުސާރަ އަކަށާއި އިނާޔަތްތަކަށް ވުމަށް މަގުފަހި ކުރުމަކީ ވެސް އެ ބިލު ހުށަހެޅި ބޭނުމެއް ކަމަށް ޝާހް ވިދާޅުވި އެވެ.