ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާގުޅިގެން ހުޅުލެއާއި ހުޅުމާލެއާ ދޭތެރޭ ހަދާ މަގު ހެދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ބަޔަކާއި ހަވާލު ކުރެވިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަގު ހަދާނެ ފަރާތެއް ހޯދުމަށް މިހާރު އިއުލާންކޮށްފައިވާއިރު ބައެއް ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަމުން އަންނަ ކަމަށެވެ. މަގުގެ ޑިޒައިން މަސައްކަތްނިމި އަމަލީ މަސައްކަތް މިއަހަރުތެރޭގައި ހަވާލު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ތެރޭގައި އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކުރުން. ޑިޒައިން ނިމި އީއައިއޭ ހަދައިނިމި އަމަލީ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.

އެމަގުގެ އަމަލީ މަސައްކަތް ހަވާލުކުރާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވި 2017 ވަނަ އަހަރުގެ ނިޔަލަށް މަގު ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖު ގޮސް ގުޅޭ ހިސާބުން ހުޅުމާލެއާއި ހިސާބަށް ދިއުމަށް ހަދާ އެމަގަކީ ބްރިޖުގެ ފުޅާމިނާ އެއްވަރަށް ހެދިގެންދާ މަގެކެވެ. އެ މަގަކީ ސައިކަލް އަދި ބައިސްކަލް ދުއްވޭ ގޮތަށް ފަރުމާކުރާ ތިން ކިލޯ މީޓަރުގެ ދިގު މަގެކެވެ.