05 May 2011, 22:40
ލ. ގަމުގައި އުމުރުން 25 އަހަރުގެ ޒުވާނަކަށް ކަތިވަޅިއަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ. ހަމަލާދީފައި ވަނީ ގަމު ޕޮލިސް ސްޓޭޝަން ކައިރީގައި ހުންނަ ފިހާރައެއްގެ ސޭޓަކަށެވެ. އޭނާއަށް ކަތިވަޅިން ހަމަލާ ދިނުމުގެ ސަބަބުން ކަނާއަތް ވަނީ ވަރަށް ބޮޑަށް ބުރިވެފަ އެވެ.
ގަމުގައި ހަމަލާދީފައި ވަނީ މުކުރިމަގު ގޯލްޑަން ކްރޯން އަފުޒަލް އަލީ އަށެވެ.
ގަމު ހޮސްޕިޓަލުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ އަފުޒަލުގެ ކަނާތުގެ ކުޑަހުޅާ ހަމައިން އެއްކޮށް ބުރިވެފައިވާ ކަމަށާއި އަތުން ވަކި ނުވެ ވަނީ ހަންކޮޅެއް އެކަނި ކަމަށެވެ.
"މިވަގުތު އޮތީ ކެޝުއަލިޓީގައި. ހާލު ވަރަށް ސީރިއަސް، މިވަގުތު އޮޕަރޭޝަން ތިއޭޓަރަށް ވައްދަން ދަނީ މަސައްކަތް ކުރަމުން،" އެ އޮފިޝަލު ވިދާޅުވި އެވެ.
ގަމުން ސަން އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ އަފްޒަލަށް ހަމަލާ ދިނީ މޫނު ނިވާކޮށްގެން ތިބި ބަޔަކުު އޭނާ ސޭޓަކަށް އިންނަ ފިހާރައިގައި މިރޭ ހުއްޓާ ގާތްގަނޑަކަށް 10:15 އެހަކަންހާއިރު ކަމަށެވެ.
ހޮސްޕިޓަލުން ބުނީ އަފުޒަލްގެ އަތުގެ ނާރުތަކާއި ކަށިގަނޑު އެއްކޮށް ބުރިވެފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް އަވަހަށް މާލެ ގެންދިއުމަށް ހޮސްޕިޓަލުން ލަފާ ދީފައިވާ ކަމަށެވެ.