އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ނަތީޖާ އަނބުރާލެވުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އެރުވި ކުޅުންތެރިންގެ ތަފާތާއެކު ކަމަށް އެ ކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ލީގުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ނިއު ރޭޑިއަންޓްގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ ފަހަތުން އަރައި، 3-2 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު އުމައިރު އާއި އަހްމަދު ނާޝިދު (ނައްޓޭ) އަދި ޒުވާން ޑިފެންޑަރު ސަމޫހު އަލީގެ ތަފާތު ފެނިގެންދިޔަ ކަމަށް ސުޒޭން ބުނެ އެވެ.

"މެޗުގައި އެރި ކުޅުންތެރިން، ހާއްސަކޮށް ނައްޓޭ އާއި އުމައިރުގެ ފަރާތުން ތަފާތު ފެނުން. ހާއްސަކޮށް ސަމޫހު ފެނުނީ ސީނިއާ ވިސްނުމުގެ ޑިފެންޑަރެއްގެ ގޮތުގައި މެޗުއާކޮށް ކުޅެލިތަން. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އުމައިރު އާއި ނައްޓޭ އެރުމުން މުޅި މެޗުގެ ސްޕީޑް އަވަސްވެގެންދިޔަ. ހަގީގަތުގައި އޭގެ ސަބަބުން މެޗު ބަދަލުވެގެންދިޔައީ،" އޭނާ ބުންޏެވެ.

ސުޒޭން ބުނީ، މާޒިޔާއަށް ފުރަތަމަ ހާފްގައި ރަނގަޅަށް ނުކުޅެވުނު ކަމަށާއި އެކަމަކު ފަހުން އެބައި ވަރަށް ރަނގަޅުކުރެވުނު ކަމަށެވެ. އަދި ތިބޭ ކުޅުންތެރިންނާއި ހަރަދުކުރާ ވަރުން، ފުޓްބޯޅައިގެ ހިސާބު ހަދަންވެއްޖެއްޔާ ސްޕެއިންގެ ވެލެންސިއާއާ ބާސެލޯނާގެ ހިސާބެއް ނެހެދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ގާތްގަނޑަކަށް ބާސެލޯނާގެ ހައެއްކަ ކުޅުންތެރިންގެ މުސާރައިން ވެލެންސިއާ ހިންގޭނެ. އެގޮތަށް ބާސެލޯނާ އެ ދިޔައީ މުހިންމު މެޗެއްގަ ބަލިވެގެން. އެހެންވީމާ އެއް މެޗުގެ ނަތީޖާއަކުން އެކުރާ ހަރަދާއި އެ ހުރިހާ ކަމަކަށް ނުބެލޭނެ. ހަރަދުކުރީމަ ބެންޗުން އަރާނެ ރަނގަޅު ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިން ޕާފޯމްކޮށްފި، ނަތީޖާ ނެރެފި. ކުޑަކުޑަ ތަފާތެއް ފެންނައިރު، އެ ތަފާތުގެ އަގު ބޮޑުވާނެ. އޭތި އެ ފެނިގެންދިޔައީ،" މާޒިޔާގެ ކޯޗު ބުންޏެވެ.

ނިއުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފްއަށް ތައުރީފްކުރަމުން ސުޒޭން ބުނީ، ނިއު ރޭޑިއަންޓްގެ ކޯޗަކަށް ހުރީ ތަފާތު މޮޅު ކޯޗެއް ކަމަށާއި ޓީމުގައި ކޮންމެ ކުޅުންތެރިންތަކެއް ތިއްބަސް، ރަނގަޅު މޮޅު ކޯޗެއް ހުރީމަ އެތަން ނުދައްކާނެ ކަމަށެވެ.

"އޭނާގެ ސިކުނޑި މީގެ ތެރެއަށް ލީމަ ނިއު ރޭޑިއަންޓް ވަރަށް ބޮޑަށް ޑިފެންސިވް ބައި، ވަރަށް ކުރިއެރި، ވަރަށް މޮޅަށް އެމީހުން ކުޅެމުން އެ އަންނަނީ. އެމީހުން ޓެކްޓިކަލީ ބޭނުންވާ ގޮތް ވަރަށް ގިނައިން އެބަ މަސައްކަތްކުރޭ. މައިގަނޑު ސަބަބަކީ އެއީ. ކުރިއަށް އޮތްތާނގައި މާޒިޔާގެ ކުޅުން ފުރަތަމަ ހާފްގައި އެދިޔަ ގޮތަށް ނުދާނެ. ކުރިއޮތް ތަނުގައި މާޒިޔާގެ ފޯކަސް ލީގާ ދިމާލަށް ދާން އަނބުރަލާނަން،" އޭނާ ބުންޏެވެ.

ލީގުގައި މިއަދު ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާއިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އެވެ.