19 Apr 2016, 23:23
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ބީޖީ ސްޕޯޓްސް އަތުން ފަސޭހަކަމާއެކު މޮޅުވެ، ކްލަބު ވެލެންސިއާއިން ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ މެޗުގައި ބީޖީގެ މައްޗަށް ވެލެންސިއާ ކުރި ހޯދީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ވެލެންސިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ބީޖީއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ފުރަތަމަ ފުރުސަތުގައި ބީޖީގެ ކެޕްޓަން ޑެނިއެލް ފިލެމޮން އުފެއްދި ހަމަލާ ގޯލާ އަމާޒުނުވި އިރު، ދެވަނަ ފުރުސަތުގައި ޑެނިއެލް އުފެއްދި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވަޑް އެންޖެލް މުނޯޒް އެވެ. އޭނާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލިއިރު، ބީޖީގެ ގޯލްކީޕަރު ހަނީފް ސާގިބް ހުރީ ފުދޭވަރަކަށް ކުރިއަށް ނުކުމެ އެވެ.
ވެލެންސިއާއިން ލީޑު ހޯދިތާ އަށް މިިނެޓުފަހުން އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިލްވާން އެވެ. މުނޯޒް ދިން ރީތި ބޯޅައަކުން ރިލްވާން އުފެއްދި ހަމަލާ އަމާޒުވީ، ބީޖީގެ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ވެލެންސިއާއިންނެވެ. އެގޮތުން ދެވަނަ ހާފް ފެށިިތާ ތިން މިނެޓުތެރޭ ވެލެންސިއާއިން ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނިހާން އުފެއްދި ހަމަލާ ކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. ނިހާންއަށް ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ލިބުނުއިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
ވެލެންސިއާއިން މެޗުގައި ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ 53 ވަނަ މިނެޓުގައެވެ. ނިހާން ދިން ބޯޅައަކުން ވެލެންސިއާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މުނޯޒް އެވެ. އޭނާއަކީ މިދިޔަ ސީޒަނުގައި ކްލަބު އީގަލްސްއަށް ކުޅުނު ކުޅުންތެރިއެކެވެ.
މެޗުގެ ދެވަނަ ހާފްގައި ބީޖީއިން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބީޖީގެ ޑެނިއެލްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. އިބްރާހިމް ޝިޔާމް (ދޮނާ) ދިން ބޯޅައަކުން ޑެނިއެލް އުފެއްދި ހަމަލާ، ވެލެންސިއާގެ ގޯލްކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފަ އެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ހަވީރު، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ ކުރި ހޯދައިފަ އެވެ. އެ މެޗުން މާޒިޔާ މޮޅުވީ ފަހަތުން އަރައި، 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.
ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާއިރު، މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އެވެ.