19 Apr 2016, 19:54
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިކޮށްގެން ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން އެއްބަސްވެއްޖެ އެވެ.
ސަރުކާރުން އެގޮތަށް އެއްބަސްވެވިކަން އިއުލާން ކުރީ މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. ސަރުކާރުގެ ފަރާތުން ޕާޓީތަކުގެ މަޝްވަރާއަށް ކަނޑައަޅުއްވާފައިވާ އިސް މަންދޫބު، ޝައިނީ އެގޮތަށް ވިދާޅުވީ ޕާޓީގެ މަޝްވަރާގެ މެދުވެރިއަކަށް ކަނޑައަޅުއްވާފައިވާ އދ.ގެ މަންދޫބު ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލާ ހިމެނޭ ގޮތަށް ބޭރުގެ ފަސް މަންދޫބަކާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.
"މިހާރު ރައީސް ނަޝީދު ވިޔަސް އަދި ޝައިޚް އިމްރާން ކަމުގައި ވިޔަސް އަޅުގަނޑުމެންނާ ބައްދަލު ކުރަން ޕާޓީ ޓޯކްތެރެއަށް ދިޔުމަށް ސަރުކާރަކުން ދެކޮޅު ނަހަދާ ކަމަށާއި އަޅުގަނޑުމެން ޖަލަށް ގޮސްގެން އެބޭފުޅުންނާ ވާހަކަދައްކައިގެން ކުރިއަށްދާން ތައްޔާރަށް ތިބި ވާހަކަ މިހާރު ވާނީ ހާމޮށްފައި،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ރައީސް ނަޝީދާއި ޝައިޚް އިމްރާނަށް މަޝްވަރާއަށް ވަޑައިގަތުމުގެ ދައުވަތު މިރޭ ފޮނުވާނެ ކަމަށެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވާން ބޭނުންފުޅުވާ ނަމަ ރައީސް ނަޝީދު ޖެހޭނީ ރާއްޖެ ވަޑައިގަންނަވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ މިފަދަ ދޫތަކެއް ދީގެން ވެސް މަޝްވަރާތައް ކުރިއަށް ގެންދަން ކަމަށެވެ.
ދޫތަކެއް ދީގެން ވެސް މަޝްވަރާތައް ކުރިއަށްގެންދަން ސަރުކާރުން ބޭނުން ވަނީ ގައުމުގެ ރައްކާތެރިކަމާއި ގައުމުގެ އިގްތިސޯދީ އަދި އިޖުތިމާއީ ހަމަޖެހުމަށް ޓަކައި ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
އެގޮތަސް ސަރުކާރުން އެއްބަސްވީ ރާއްޖެއިން ބޭރުގެ ޕްރެޝަރުގެ ސަބަބުންތޯ ދެންނެވުމުން ޝައިނީ ވިދާޅުވީ އެއްވެސް ޕްރެޝަރެއް ސަރުކާރަށް ނެތް ކަމަށެވެ.