އުރީދޫ ދިވެހި ޕްރިިމިއަރ ލީގުގެ މިސީޒަންގެ ފުރަތަމަ މެޗުގައި ނިއުރޭޑިއެންޓުން މެޗުގެ ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި 3-2 ލަނޑުން ނިއު ބަލިކޮށް މާޒިޔާއިން ލީގުގައި އެޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެފައި ވަނީ، އެންމެ ފަހުގެ ލީގު ޗެމްޕިއަން ނިއުއިންނެވެ. އެގޮތުން މިދިޔަ ސީޒަންގެ ހަތަރު ވަނައިގައި ނިންމާލި މާޒިޔާގެ ވަރުގަދަ ސްކޮޑާ ދެކޮޅަށް ކުޅެ ނިއުގެ ޒުވާން ކުޅުންތެރީން ވަނީ ފުރަތަމަ ހާފްގެ ފުރަތަމަ 15 ވަރަކަށް މިނިޓް ތެރޭގައި ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ.

މެޗުގެ ފަސްވަނަ މިނިޓްގައި މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނިއުގެ ކުޅުންތެރީން ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާތެރޭގައި ހުރި އަހްމަދު ނިޔާޒަށް ލިބުމުން އޭނާ ފަޔަށް ހެޔޮވަރުކޮށްލާފައި ވަރަށް ބާރަށް ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާއުކޮށްފައެވެ.

މާޒިޔާއަށް ނިއުގެ ގޯލަށް ރަނގަޅު ހަމަލާއެއް އުފެއްދުނީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 21 ވަނަ މިނިޓްގައެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން އިސްމާއީލް އީސަ ފޮނުވާލި ބާރު ހަމަލާ، ދިޔައީ ގޯލްގެ ހުރަސް ދަނޑީގެ ކުޑަ ތަންކޮޅެއް މަތިން ބޭރަށެވެ.

ނިއުއަށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައި ދިނީ މެޗުގެ 23 ވަނަ މިނިޓްގައި އިއްޒަތު އަބްދުލް ބާރީއެވެ. މާޒިޔާގެ ހާފްގެ މެދެއްހާ ހިސާބުން ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން ހަމްޒާ މުހައްމަދު (ހަމްޕު) ވަރަށް ރީތިކޮށް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ އިއްޒަތު އަބްދުލް ބާރީ ބޮލުން ޖަހައެވެ.

ނިއުއިން މެޗުގެ ލީޑު ނެގި ނަމަވެސް އެޓީމަށް މާ ގިނައިރަކު ލީޑު ދެމެހެއްޓޭ ގޮތެއް ނުވިއެވެ. މާޒިޔާއަށް ލިބުނު ޕެނަލްޓީ އަކުން މެޗުގެ 27 ވަނަ މިނިޓްގައި ވަރަށް ރީތިކޮށް ގޯލްގެ ކަނާތްފަރާތު ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. މާޒިޔާއަށް ޕެނަލްޓީ ލިބުނީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭން އަސަދުﷲއަށް ނިއުގެ ޑިފެންޑަރު އެވޮނީ ސެގުން މައިކަލް ފައުލްކުރުމުންނެވެ.

ނިއުއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައި ދިނީ، މެޗުގެ 43 ވަނަ މިނިޓްގައި އެޓީމުގެ ވެލިޗްކޯ މިޓްކޯފްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ، މާޒިޔާގެ ހާފްގެ މެދެއްހާ ހިސާބުން ނިއުއަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ރަޝީދު (ހޮކޭ) މާޒިޔާ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

އެއް ލަނޑުގެ ލީޑަކާއެކު ދެވަނަ ހާފް ފަށައިގެން ދެވަނަ ފަހަރަށް މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، މެޗުގެ 59 މިނިޓްގައި އިސްމާއީލް އީސާއެވެ. އީސަ އެލަނޑު ކާމިޔާބުކުރީ، ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މެޗުގެ 67 ވަނަ މިނިޓްގައި މާޒިޔާއަށް ގާތްގާތުގައި ފުރުސަތުތަކެއް ލިބުނެވެ. ނިއުގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު މުހައްމަދު އުމައިރު ފޮނުވާލި ހަމަލާ ވެލިޗްކޯވް ދިފާއުކުރިއިރު، އަސަދުﷲ ފޮނުވާލި ހަމަލާވެސް ވަނީ ބްލޮކްވެފައެވެ.

މާޒިޔާއިން މެޗުގެ ލީޑު ނަގައި ދިނީ 79 ވަނަ މިނިޓްގައި އުމައިރުއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އުމައިރު ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުއްޓައި ބޮކުރީ ނަގައިދިން ރީތި ހުރަހަކުން އުމައިރު ބޮލުން އުފެއްދި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

އުމައިރުގެ ލަނޑަށް ފަހުވެސް ދެޓީމުން ވެސް އިދިކޮޅު ގޯލަށް ނުރައްކާކުރިއެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ 2-3 ލަނޑުން ޗެމްޕިއަން ނިއުގެ މައްޗަަށް މާޒިޔާ ކުރިހޯދައިގެންނެވެ.

މިދިޔަ ސީޒަންގެ ލީގުގައި މިދެޓީމު ވާދަކުރި ދެ މެޗުވެސް ނިއު ކާމިޔާބުކޮށްފައި ވާއިރު، މިފަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށްފައި ވަނީ މާޒިޔާއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ވާދަކުރާނީ، ބީޖީ ސްޕޯޓްސް އާއި ކްލަބު ވެލެންސިއާ އެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.