19 Apr 2016, 19:08
މެލޭޝިއާގެ ކެފޭޗެއިންގެ ކުންފުންޏަކުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކާމިޔާބުކަމާ އެކު ހިންގަމުން އަންނަ "ސީކްރެޓް ރެސިޕީ"ގެ އެންމެ ބޮޑު ރެސްޓޯރެންޓް މިއަދު މާލޭގައި ހުޅުވައިފި އެވެ.
މިއަދު ހަވީރު މަޖީދީމަގުގައި އެ ރެސްޓޯރަންޓް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ކެބިނެޓުގެ ގިނަ ވަޒީރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އެތަން ހުޅުވުމަށްފަހު އެ ބޭފުޅުން ވަނީ އެ ރެސްޓޯރަންޓުގެ އުފެއްދުންތަކަށް އިންސާފުކުރައްވާފަ އެވެ.
"ސީކްރެޓް ރެސިޕީ" ރެސްޓޯރަންޓް ހުޅުވާފައި ވަނީ މަޖީދީމަގުގައި ކުރިން ހުރި ޖަޔަންޓް ސުޕަސްޓޯރު ހުރި އިމާރާތެވެ. ދިހަ ބުރިއަށް އިމާރާތްކޮށްފައިވާ އެ އިމާރާތުގެ ތިން ފަންގިފިލާ ހާއްސަކޮށްފައިވާ އެ ރެސްޓޯރަންޓަށެވެ.
އެ ރެސްޓޯރެންޓުގައި އެއްފަހަރާ 200 މީހުނަށް ހިދުމަތްދެވޭނެ އެވެ. އެތަނުގައި އާއިލާތަކަށް ހާއްސަ ބައެއް ހުންނަ އިރު، ކުޑަކުދިން ކުޅޭނެ ޖާގައަކާއި ކުދި މީޓިން ބޭއްވުމަށް ވެސް ހާއްސަ ބައެއް ހުރެ އެވެ. އަދި ސްމޯކިން އޭރިއާއަކާއި ޕާޓީތައް ބޭއްވުމަށް ވެސް އެތަނުގައި ޖާގަ އޮވެ އެވެ.
ސީކްރެޓް ރެސިޕީން އުފައްދާ ކެއުންތަކުގެ ތެރެއިން، އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި ވަނީ އެތަނުން ލިބޭ ކޭކެވެ. މިއަދު މާލޭގައި ހުޅުވި ސީކްރެޓް ރެސިޕީގެ އައުޓްލެޓުން ވެސް 17 ވައްތަރެއްގެ ކޭކު ލިބެންހުރެ އެވެ.
ސީކްރެޓް ރެސިޕީން މާލޭގައި ހުޅުވި ރެސްޓޯރެންޓް: މިއީ 200 މީހުންގެ ޖާގައިގެ ތަނެއް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ސީކްރެޓް ރެސިޕީއަކީ 1997 ވަނަ އަހަރު އުފެދުނު މެލޭޝިޔާގެ ބްރޭންޑެކެވެ. އަދި މި ބްރޭންޑުގެ ރެސްޓޯރެންޓުތައް މިހާރު ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކުގައި ވެސް ހުޅުވާފައިވެ އެވެ.
އެގޮތުން އޭޝިއާގެ އެކި ގައުމުތަކުގައި 440 އަށްވުރެ ގިނަ އައުޓްލެޓް ހުންނަ އިރު، އިންޓަނޭޝަނަލް ބްރާންޗްތައް ހުންނަ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، އިންޑޮނޭޝިއާ، ތައިލެންޑް، ޗައިނާ، ބްރުނީ، ކެމްބޯޑިއާ އަދި މިޔަންމާ ހިމެނެ އެވެ.