ކޯސްޓްލައިން ހާޑްވެއާގެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިވާލަން ނެގި ވަގުތާ ބަލާއިރު ލިބުނީ ވަރަށް ކުޑަ ގެއްލުމެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯސްޓްގާޑް ބިލްޑިންގައި އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްއެންޑީއެފްގެ ފަޔައެންޑް ރެސްކިއުގެ ކެޕްޓަން އަހުމަދު ފާއިޒް ވިދާޅުވީ އަނދައިގެން ދިޔަ ތަނަކީ އަލިފާން ހިފާ ޒާތުގެ ގިނަ އަދެދެއްގެ މުދާ ހުރިތަނެއް ކަމަށާއި އަލިފާން ނިވާނެ އެއްވެސް ކަހަލަ ނިޒާމެއް ވެސް އެތަނުގައި ނެތް ކަމަށެވެ.

އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާނެ ކަމަށް ކެޕްޓަން ފާއިޒް ވިދާޅުވި އެވެ.

އޭޕްރިލް 18، 2016: ކޯސްޓްލައިން ހާޑުވެއާ ގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ތިބޭފުޅުން ވެސް ގަބޫލުފުޅު ކުރައްވާނެ ހާދިސާ ހިނގި އިމާރާތަކީ ގިނަ އަދަދެއްގެ މުދާތަކެއް ހާއްސްކޮށް އަލިފާން ފަސޭހައިން ހިފާފަދަ ސާމާނުތަކެއް ޖަމާކޮށްފައިވާ ތަނެއް. މިތަނުގައި އަމިއްލަޔަށް އަލިފާން ނިވާނެ އެއްވެސް ކަހަލަ ނިޒާމެއް ނެތުމުގެ ސަބަބުން އެބޭފުޅުންނަށް އެ ކޮންޓްރޯލްނުވެ ބޮޑުވަރުވެގެން ގޮސްފައި އެ ހުރީ. އެހެންވީމަ އަޅުގަނޑުމެންނަށް މިފަދަ އަލިފާނެއް ކޮންޓްރޯލް ކުރުމަށް ނެގި ވަގުތާއި ބަލާއިރުގައި ވަރަށް ކުޑަ ޑެމޭޖަކާއެކު ސަލާމަތް ކުރެވުނު ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ކެޕްޓަން އަހުމަދު ފާއިޒު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ އިއްޔެ އެމްއެންޑީއެފުން އަލިފާން ނިއްވަން ކުރި މަސައްކަތަށް ސެލިއުޓް ހައްގު ކަމަށެވެ. ސިފައިންނާއި ފުލުހުންގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް މިނިސްޓްރު ވިދާޅުވި އެވެ. ލިބެންހުރި ވަސީލަތްތަކަށް ބަލާއިރު އެމްއެންޑީއެފުން ކުރީ ފުރިހަމަ މަސައްކަތެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރާނެ އާލާތްތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި، މިހާރުވެސް ޖަޕާނުން އަލިފާން ނިއްވުމަށް ބޭނުންކުރާނެ ސާމާނު ހަދިޔާކޮށްފައިވާ ކަމަށެވެ. އެތަކެތި ލިބުމުން އަލިފާން ނިއްވުމުގެ ކަންކަން އަވަހަށް ކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އޭޕްރިލް 18، 2016: ކޯސްޓްލައިން ހާޑުވެއާ ގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަން މިކަހަލަ ހާދިސާތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އަބަދުވެސް މި ދަނީ ތަކެތި ނުވަތަ ވަަސީލަތްތަށް ހޯދަމުން. މިހާރު ވެސް ވަސީލަތްތަށް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. މިހާރުވެސް އަޅުގަނޑުމެންނަށް ޖަޕާނުން ވަރަށް ދީލަތި އެހީތެރިކަމެއް ވަނީ ލިބިފައި. ހާއްސަކޮށް އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރެވިދާނެ ކަހަލަ ވަސީލަތްތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކުގެ ހާލުއަހުވާލު ބެލުމާއި ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކޮށްދޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

"މިހާ ހިސާބަށް އައިއިރު މިހާރު އެމްއެންޑީއެފުން އެދަނީ މިތަންތަނަށް ލިބުނު ގެއްލުން ރަނގަޅަށް ބަލަމުން. ލަފާކުރެވޭގޮތުން މިރޭގެ ނުވައެއް ޖަހަންވާއިރަށް މުޅި އެސެސްމެންޓް ނިމި އަދަދު ލިބޭ ވަރުވާނެ." މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

ރައީސް ޔާމީން ނިންމަވާފައި އޮތީ އިއްޔެ ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނުގެ ގެއްލުމަށް "ރަމްޒީ ބަދަލެއް" ދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެގޮތަށް އަމަލުކޮށްފައިވާ ކަމަށާއި އެހެންކަމުން މިފަހަރުވެސް ހުރިހާ ކަމެއް ބެލުމަށްފަހު ގެއަށް ދޭންޖެހޭ ފައިސާ ވެސް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޯސްޓު ލައިން ހާޑުވެއާގެ ފިހާރާގައި އަލިފާން ރޯވެ އަނދަނީ--- ސަން ފޮޓޯ: އަހުމަދު ޒާހިރު (ހިރިގާ)

މޯލްޑިވްސް ޑިޒާސްޓަމެނޭޖްމެންޓްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ފާތިމަތު ތަސްނީމް ވިދާޅުވީ މިހާތަނަށް އެ މެނޭޖްމެންޓުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކުގެ އަދަދު 136 އަށް އަރާ ކަމަށެެވެ. އޭގެ ތެރޭގައި 30 ކުޑަކުދިންނާއި ސުކޫލަށްދާ 21 ކުދިން އަދި އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ތިން މީހުންގެ އިތުރުން މާބަނޑު ދެ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މިދޭ އެހީތެރިކަމަކީ ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން. އަދި ކެއިން ބުއިމުގެ އެހީތެރިކަން އަދި އަންނައުނުގެ އެހީތެރިކަން. އެއްވެސް ކަހަލަ ސިއްހީ އެހީތެރިކަމެއް ބޭނުންވާ ފަރާތަތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް،" ތަސްނީމް ވިދާޅުވި އެވެ.

މިހާރު 136 މީހުން ތިބި ނަމަވެސް އެ އަދަދު ބަދަލުވަމުންދާނެ ކަމަށް ތަސްނީމް ވިދާޅުވި އެވެ. އެއީ ބައެއް ގެތަކަށް ކަަރަންޓު އެކަނި ނުލިބި ހުރުމުގެ ސަބަބުން ޑިސާސްޓަ މެނޭޖްމެންޓުގެ ބެލުމުގެ ދަށުގައި ތިބިނަމަވެސް ކަރަންޓު ފޯރުކޮށްދެވުމުން އެމީހުން ގެތަކަށް ބަދަލުކުރާނެ ކަމަށް ތަސްނީމް ވަނީ ވިދާޅުވެފަ އެވެ.

ކޯސްޓްލައިންގައި ރޯވި އަލިފާން ނިއްވާލެވުނީ ތިން ގަޑިއިރުގެ މަސައްކަތުންނެވެ. އިއްޔެ ހަވީރު 4:30 އެހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަޔާ ލޯރީއެއް ގެނެސްގެންނެވެ. އެ ލޮރީގެ އެހީގައި ބާރު މިނުގައި "ފޯމް" ޖަހައި އަލިފާންގަނޑު ނިއްވާލީ މިރޭ 8 ޖެހިފަހުންނެވެ.

ހާދިސާއާ ގުޅިގެން ބައެއް މީހުން ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވެ އެވެ. އަދި އަލިފާންގަނޑު ބައެއް ގެތަކަށް ފެތުރި ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.