ހިރިޔާ ސްކޫލުގައި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ތިއްބައި، އެ ސްކޫލް ވަގުތީ ގޮތުން ހިންގެވުމަށް އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ރިންޒީ ވަހީދާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހިރިޔާ ސްކޫލް ވަގުތީ ގޮތުން ހިންގެވުމަށް ރިންޒީއާ ހަވާލު ކުރެއްވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދުގެ ބެލުމުގެ ދަށުން ކަމަށެވެ.

ދެ ޑެޕިއުޓީ ޕްރިންސިޕަލުން ތިއްބައި އެ ސްކޫލް ހިންގުން އެހެން ސްކޫލެއްގެ ބޭފުޅަކަށް ހަވާލުކޮށްފައި ވަނީ، ސްކޫލްތަކަށް ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން ހަމަޖެއްސުމަކީ މިނިސްޓްރީއަށް ލިބިފައިވާ ބާރަކަށް ވާތީ ކަމަށް އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެގޮތުން، ހިރިޔާ ހިންގުމަށް އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ހަމަޖައްސާފައި ވަނީ ވެސް އެ އުސޫލުގެ ދަށުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ހިރިޔާ ސްކޫލް ހިންގުން ރިންޒީއާ ހަވާލުކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.

އިސްކަންދަރު ސްކޫލުގައި ޓީޗަރެއްގެ މަގާމާއި ލީޑިން ޓީޗަރެއްގެ މަގާމު އަދާކޮށްފައިވާ ރިންޒީ ވަނީ ތައުލީމީ ދާއިރާގައި 22 އަހަރު ހޭދަކުރައްވާފަ އެވެ. އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ގެ މަގާމު އޭނާ އަދާކުރައްވަމުން ގެންދަވާތާ 13 އަހަރުވެއްޖެ އެވެ.

ޖިންސީ އަމަލަކަށް މަގުފަހިވާ ގޮތަށް ސްކޫލް ކުއްޖަކާ ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށް، ކޯޓުން ދޫކޮށްލި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއީލް މަސްރޫފް އެއް މަސް ދުވަހަށް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގު ނިމެންދެން އެއް މަސް ދުވަހަށް އޮފީހަށް ނުނިކުމެވޭ ގޮތަށް ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ސަސްޕެންޑް ކޮށްފައި ވަނީ އިއްޔެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.