އައްޑޫ ސިޓީގައި ހުންނަ ގަން އިންޓަނޭޝނަަލް އެއާޕޯޓުގައި ސީޕްލޭން ބޭސްއެއް ތަރައްގީކޮށް، އޮޕަރޭޓު ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ކުރިއިއުލާނެއްގައިބުނެފައި ވަނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސީޕްލޭން ބޭސްއެއް ތަރައްގީ ކުރުމަށް ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ ކުންފުނީގެ އިއުލާނުގައި ބުނެފައި ވަނީ ފަތުތުވެރިންނާއި ޓްރާންސިޓު ފަސިންޖަރުންނާއި ދިވެހީންނަށް ވެސް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ ސަރަހައްދެއްގައި އެ ސީޕްލޭން ބޭސް ހެދުމަށް ސަރަހައްދެއް ދޭނެ ކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދާ ފަރާތުން، އެތަން ތަރައްގީ ކުރުމާއި އޮޕަރޭޓު ކުރުމުގެ ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް އިއުލާންގައިވެ އެވެ.

ސީޕްލޭން އޮޕަރޭޝަންގެ މަސައްކަތަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތަކާ ވަކިން ކުރިއަށް ދާނެ ކަމެއް ކަމަށް ވެސް އޭއައިއޭގެ އިއުލާނުގައި ވެ އެވެ.

އޭއައިއޭއިން ބުނީ، ސީޕްލޭން ބޭސް އޮޕަރޭޓު ކުރަން ޖެހޭނީ އޭއައިއޭއާ ގުޅިގެން ކަމަށެވެ. އަދި ސީޕްލޭން ބޭސް ތަރައްގީ ކުރާ ބިން ކަނޑައަޅައި، ދޫކުރެވޭނީ ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމަށާއި، އެ ބިމެއް ދޫކުރެވޭނީ ދެ ފަރާތަށް ވެސް މާލީ ގޮތުން ފައިދާ ކުރާނެ ގޮތަކަށް ކަމަށެވެ.

މި ކަންކަމާ މަޝްވަރާ ކުރެވޭނީ ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކާ އެކު ކަމަށާއި އެއް ފަރާތަށް ވުރެ ގިނަ ފަރާތް ޝޯތް ލިސްޓު ކުރެވިއްޖެނަމަ، އެ ދެ ފަރާތުން ފައިނަލް ބިޑު ހުޅުވޭނީ އެ ފަރާތުގެ ވެސް ހާޒިރުގައި ކަމަށް އޭއައިއޭއިން ބުނެ އެވެ.

މީގެ އިތުރުން، ބިޑު ކާމިޔާބު ކުރާ ޑިވެލޮޕަރަށް ސީޕްލޭން ޓާމިނަލް ތަރައްގީ ކުރަން ދޭ ހިސާބުގައި އެހެން ޚިދުމަތްތައް ވެސް ދިނުމުގެ ފުރުސަތު، މަޝްވަރާގެ ތެރެއިން ލިބިދާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީއިން ބުންޏެވެ.

މިކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅު ކުރުމަށް އޭއައިއޭގެ އިއުލާނުގައިވެ އެވެ.

އެންމެ ފަހުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި ތަރައްގީގެ މަޝްރޫއުތަކުގައި، ވޯޓާ ރަންވޭތަކެއް ވަނީ ހެދިފަ އެވެ. ސީޕްލޭން ބޭސް ހަދާ ޑިވެލޮޕާ ޖެހޭނީ ފްލޯޓިން ޕްލެޓްފޯމްތަކެއް ފެންމަތީގައި އަޅާށެވެ.

ސީޕްލޭން ބޭސްއެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އެޅިގެން ދިއުމުން، އެ އެއާޕޯޓާއި، ކައިރި އަތޮޅުތަކުގެ ރިސޯޓުތަކާއި ރަށްތައް ދަތުރުފަތުރުން ގުޅައިލެވޭނެ އިރު، އައްޑޫ ސިޓީގެ އިގްތިސާދާއި ތަރައްގީއަށް ވެސް މިކަމުން ކުރިއެރުން އަންނާނެ ކަމަށް ބެލެވެ އެވެ.