05 May 2011, 20:07
ސުލްހަވެރިކަމާ އެކު ކުރާ މުޒާހަރާތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ]އެޗްއާރްސީއެމް[ ގޮވާލައިފި އެވެ.
ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ޒުވާނުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެގެން މާލޭގެ މަގުތަކުގައި ކުރާ މުޒާހަރާތަކާ ގުޅިގެން އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ ހައްގު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިނދު، އެ މުޒާހަރާތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި ހަމަނުޖެހުން އުފެދޭނެ އެއްވެސް އަމަލެއް ނުހިންގުމަށެވެ. އަދި އެފަދަ މުޒާހަރާތައް ރޫޅާލުމުގައި އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް ފުލުހުންގެ އަމަލްތައް ބެހެއްޓުމަށް ވެސް އެޗްއާރްސީއެމްއިން ގޮވާލައިފައިވެ އެވެ.
މުޒާހަރާތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ހަރަކާތެރިވާ މީޑިޔާގެ ފަރާތްތަކަށް މިނިވަންކަމާއެކު ޚަބަރު ގެނެސްދިނުމަށް ފުރުސަތު ދިނުމަށާއި މީޑިޔާއަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ. އަދި މީޑިއާތަކުން ޚަބަރު ފެތުރުމުގައި މިހާރަށްވުރެ، ބޮޑަށް ޒިންމާދާރުވުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެ އެވެ.
"މުޒާހަރާ ކަވަރު ކުރުމުގައު ހަރަކާތްތެރިވާ މީޑިޔާގެ ފަރާތްތަކަށް މިނިވަންކަމާއެކު ޚަބަރު ގެނެސްދިނުމަށް ހުރަސް އެޅޭ ފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާއި، މީޑިޔާއިން ޚަބަރު ކަވަރުކުރުމާއި ފެތުރުމުގައި މިހާރަށްވުރެ، ބޮޑަށް ޒިންމާދާރުވުމަށް މިކޮމިޝަނުން ގޮވާލަމެވެ." ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް، ]މިއަދު ނެރުނު[ ނޫސްބަޔާނުގައި ނޫސްވެރިންނަށް އިލްތިމާސްކޮށް އެޗްއާރްސީއެމްއިން ގޮވާލައިފައިވެ އެވެ.
ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލާ ބާއްވާ މުޒާހަރާތަކުގައި ބައެއް ތަންތަނަށް ގެއްލުންދީ ހިންގާ ނޭދެވޭ ހަރަކާތްތަކަށް އިޝާރާތް ކުރައްވާ އެޗްއާރްސީއެމް އިން ބުނީ އާންމުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުމަށް ގެނައުމަށްޓަކައި ސުލްހަވެރިކަމާއެކު އަޑުއުފުލުމުގެ ފުރުސަތު ލިބިފައިވީ ހިނދު، ދަން ގަޑިތަކުގައި އާންމުން ދިރިއުޅޭ
ސަރަހައްދުތަކުގައި މީހުންނަށް އުނދަގޫވާ ގޮތަށް މުޒާހަރާތައް ކުރުމާއި މީހުންނާއި މުދަލަށް ގެއްލުންވާފަދަ އަމަލްތައް ހިންގުމަކީ އެތައްރައްޔިތުންގެ ހައްގުތައް ގެއްލޭ ކަމެއް ކަމަށެވެ. އަދި މުޒާހަރާތަކުގައި އެފަދަ އަމަލްތަށް ހިންގާ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް ނޫސްބަޔާނުގައި ގޮވާލައިފައިވެ އެވެ.
ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި ރޭ ބޭއްވި ތިންވަނަ މުޒާހަރާއި ބާޒާރުމަތީ ސަރަހައްދުތަކުގައި ފަސް ފަރަރެއްގެ މަތިން ބަޔަކު އަލިފާންރޯކޮށްފައިވެ އެވެ. އަދި އެ ސަރައްހަދުގެ މަންޒަރުތަކާއި ޙަބަރުތައް ރިޕޯޓް ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް އެތާންގައި ތިބި މީހުން އިންޒާރުދީފައިވެ އެވެ. އަދި އެފަދަ އަމަލްތައް ނުހިންގުމަށް އެތާނގައި ތިބި މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ނަސޭހަތްތެރިވުމުން، އޭނާއާ އެ މީހުން ޒުވާބު ކުރި އެވެ. އަދި އެ ހިސާބުން މުޒާހަރާ ނިންމާލިކަން ސިޔާސީ ޕާޓީތަކުން ރަސްމީކޮށް އިއުލާންކޮށް މުޒާހަރާ ނިންމާލީ ރޭ ދަންވަރު ތިނެއް ޖަހަން އުޅެނިކޮށެވެ.