ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންގެންދަވަނިކޮށް، ގޭ ބަންދަށް ބަދަލުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާ އޯލް ޕާޓީ ޓޯކްސްގެ މެދުވެރިއެއްގެ ރޯލުއަދާކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލްއާ ބައްދަލު ކުރައްވައިފި އެވެ.

އަދާލަތު ޕާޓީން ބުނި ގޮތުގައި، އެ ބައްދަލުވުން އޮތީ މިއަދު އިމްރާން ދިރިއުޅުއްވާ ގޭގަ އެވެ. އެމެރިކާގެ ސަފީރު އަތުލް ކެޝާފް ވެސް ވަނީ މި މަހުގެ ކުރީކޮޅު އިމްރާނާ ބައްދަލުކޮށްފަ އެވެ.

ޓަމްރަޓް ސެމިއުލް ރާއްޖެ ވަޑައިގެންފައި ވަނީ މިމަ ހުގެ 16 ވަނަ ދުވަހު އެވެ. އަދި ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި އދ. ގެ ވަފުދާ އެކު ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކާ ބައްދަލުކުރައްވާނެ އެވެ.

ބައްދަލުވުމާ ގުޅޭގޮތުން އަދާލަތުގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ، ގަޑިއެއްހާއިރަށް ކުރިއަށްދިޔަ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެކެވުނީ އޯލް ޕާޓީ ޓޯކްސްއާ ބެހޭ ގޮތުން ކަމަށެވެ. އަދި އެކަމާ ދޭތެރޭ އަދާލަތު ޕާޓީން ދެކޭ ގޮތް ހިއްސާކޮށްފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިންމަފުށީ އައްސޭރިޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އިމްރާން އަބްދުﷲ އެއް މަސް ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އިމްރާންގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ހަތް ވަނަ ދުވަހު ވަނީ ހައި ކޯޓުން ނިންމާލާފަ އެވެ.