19 Apr 2016, 18:03
އިއްޔެ ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ އެކު، ވަށައިގެން ހުރި ގިނަ އިމާރާތްތައް ވަނީ އަލިފާންގަނޑާ އެކު އަނދައިފަ އެވެ. އަދި ކޯސްޓްލައިން އިމާރާތުގެ ވަތް ފަރާތުން އެ އަލިފާންގަނޑު ވަނީ، ރުވާ މަގު ހުރަސް ކޮށް، ކުރިމަތީގައި ހުރި ކޮށްޓަށް ވެސް ފެތުރިފަ އެވެ.
ރުވާ މަގުގައި ކޯސްޓްލައިން ކުރިމަތިން ހެން، މާލޭގައި ޚިދުމަތް ދޭ މަޝްހޫރު ޕިއްޒާ ބޯނާގެ ޑެލިވަރީ އައުޓްލެޓް ހުރެ އެވެ.
"އަޅުގަނޑުމެންނަށް އެންމެ ފަހު ވަގުތާ ހަމައަށް ވެސް މައުލޫމާތު ލިބިފައި އޮތީ އެތަން ހަމަ އެއްކޮށް ރޯވެ، އަނދައި ހުލިވެފައި ހުރި ކަމަށް،" ޕިއްޒާ ބޯނާގެ ޑިރެކްޓާ އަލީ ރަޝީދު "ސަން" އަށް ވިދާޅުވި އެވެ.
ނަމަވެސް ރޭ 12:00 ވެސް ވީ ފަހުން އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ލިބުމުން ގޮސް ބެލިއިރު އެނގިގެން ދިޔައީ އަލިފާނުގެ ހާދިސާއިން ޕިއްޒާ ބޯނާގެ ސަލާމަތްވެފައިވާ ކަމަށެވެ. ޕިއްޒާ ބޯނާގެ ޑެލިވަރީ އައުޓްލެޓަށް އަލިފާނުގެ އަސަރެއް ނުކުރެ އެވެ. ދުމުގެ އަސަރެއް ވެސް ނުކުރެ އެވެ.

ޕިއްޒާ ބޯނާގެ ބަދިގެ އަލިފާނުގެ ހާދިސާއަށް ފަހު: އެތަނަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވޭ -- ފޮޓޯ/ޕިއްޒާ ބޯނާ
އެތަނުގައި އަލިފާން ނުހިފުމަކީ ހަމަ ވަރަށް ސަޕްރައިޒިންގ ކަމެއް. الْحَمْدُ لِلَّـهِ
"އަޅުގަނޑުމެން އެގަޑީގައި އެތާ ކައިރިއަށް ގޮސް ސިފައިންގެ ބޭކަލުން ކައިރީ އެހީމަ ބުނީ، ހުދުމާއާ ޖެހިގެން ހުރި ހުރިހާ ތަނެއް އަނދައި ރޯވެފައި ހުރި ކަމަށް. އެކަމަކު އަޅުގަނޑުމެން ފަހު ވަގުތު އެތަނަށް ވަދެ ބެލި އިރު ނެތް ހަމަ އެއްވެސް ވަރަކަށް ގެއްލުމެއް ވެފައެއް،" އަލީ ވިދާޅުވި އެވެ.
ޕިއްޒާ ބޯނާއަށް ކުރި ހަމައެކަނި އަސަރަކީ، އަލިފާންގަނޑުގެ ހޫނުގެ ސަބަބުން އެތަނުގެ ބޭރު ބިއްލޫރިގަނޑު ތަޅައިގެން ދިއުމާއި، އެތަނުގެ އެއާ ކޮންޑިޝަނުގެ އައުޓްޑޯ ޔުނިޓު ހަލާކު ވުމެވެ. އެ ކުދި މަރާމާތުތައް ކުރުމުގެ މަސައްކަތް ޕިއްޒާ ބޯނާއިން ދަނީ ކުރަމުންނެވެ.
ރުވާ މަގުގައި ހުރީ ޕިއްޒާ ބޯނާގެ މައި ޑެލިވަރީ ސެންޓަރެވެ. އެތަނުގައި ގިނަ އަދަދެއްގެ ގޭސް ފުޅި ހުރި، ޕިއްޒާ ތައްޔާރުކުރާ ބަދިގެއެއް ވެސް ހުރެ އެވެ. އަލިފާންގަނޑު ޕިއްޒާ ބޯނާއާ ހަމައަށް ފެތުރުނު ނަމަ އެތަނުގައި ހުރި ގޭސްފުޅިތައް ގޮވައި، މާ ބޮޑު ސަރަހައްދަކަށް އަލިފާނުގެ ގެއްލުން ވީސް ކަން ޔަގީނެވެ.
ނަމަވެސް އެތަނުގެ އެތެރެއަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ބަދިގޭގައި ތައްޔާރުކުރަން ފަށާފައި ހުރި ޕިއްޒާތައް ވެސް ހުރީ ހުރި ގޮތަށެވެ.
ކޯސްޓްލައިން ހާޑްވެއާ އާއި އެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް އަދިވެސް މެދުކެނޑިފައިވާ އިރު، ޕިއްޒާ ބޯނާއިން ވަނީ އެތަނުގެ ޕިއްޒާ ޑެލިވަރީ ޚިދުމަތް، މޯލްޑިވިއަން ބްލަޑް ސާވިސް (ތެލެސީމިއާ ސެންޓަރު) ކުރިމަތިން މަޖީދީމަގުގައި ހުންނަ ޕިއްޒާ ބޯނާ އިން އައުޓްލެޓުން ދެމުން ގެންދާނެ އެވެ.
"ފަހަރެއްގައި 'ޑެލިވަރީ ޚިދުމަތުގައި' ކޮންމެވެސް ވަރެއްގެ ޑިލޭތަކެއް އައުމަކީ އެކަށީގެންވާ ކަމެއް. ކަސްޓަމަރުންނަށް ދަންނަވާލާނީ މިދުވަސްކޮޅުގައި ކުރިއާލައި އޯޑަރުތައް ޕްލޭސް ކުރުމަށް،" ޕިއްޒާ ބޯނާގެ ޑިރެކްޓާ އަލީ ރަޝީދު ވިދާޅުވި އެވެ.