19 Apr 2016, 14:06
ފުލުހުންނާއި ސިފައިންނަށް ރިޓަޔަމަންޓް އިނާޔަތް ލިބޭ އުސޫލު ބަދަލުކުރުމަށް ފުލުހުންނާއި ސިފައިންގެ ގާނޫނަށް ސަރުކާރުގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހު ފާސްނުވުމުން އެ ދެ ބިލުވެސް ބާތިލުވެއްޖެ ކަމުގައި ކަނޑައަޅައިފި އެވެ.
އެ ދެ އިސްލާހު ވެސް ފާސްނުވީ ފާސްވާން ޖެހޭ އަދަދަށް ވޯޓު ނުލިބުމުން ނެވެ. ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ލިބުނީ 16 ވޯޓެވެ. އަދި ސިފައިންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ލިބުނީ 11 ވޯޓެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު ހުށަހެޅުއްވި އެ އިސްލާހު ބާތިލުވެއްޖެ ކަމަށް ކަނޑައެޅީ ދާދިފަހުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން ނެވެ.
މަޖިލީހުގެ ގަވާއިދުގެ 85 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ބިލެއް މަޖިލީހަށް ފާސްކުރަން ނުފެނިއްޖެ ނަމަ އެ ބިލެއް އެ ހިސާބުން ބާތިލުވީ ކަމަށެވެ. އަދި ކޮމެޓީ އަށް ފޮނުވުމަށް ފާސްނުވެއްޖެ ނަމަވެސް އެ ބިލެއް އެހިސާބުން ބާތިލުވާނެ ކަމަށް ވެސް ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.
ފުލުހުންނާއި ސިފައިންގެ ގާނޫނަށް ވަކިން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގެ ދަށުން ޝަރަފްވެރިކަމާ އެކު ފުލުހުންގެ ނުވަތަ ސިފައިންގެ ވަޒީފާ އިން ވަކިވާ މީހުންނަށް އިނާޔަތްތައް ދޭން ނިންމުމުގެ ބާރު ހޯމް މިނިސްޓަރަށް އޮތަސް، އެފަދަ މީހަކު ރައްޔިތުން އިންތިހާބު ކުރާ ސިޔާސީ މަގާމެއްގައި ހުރި ނަމަ، އެ މުއްދަތުގައި ގާނޫނުގެ ދަށުން އެއްވެސް އިނާޔަތެއް ނުވަތަ އިމްތިޔާޒެއް އެ މީހަކަށް ނުލިބޭނެ ކަމަށެވެ.
ސިފައިންގެ ގާނޫނު އެގޮތަށް އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވާ އިރު ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒާއި އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާނަކީ ދައުލަތުގެ ވަޒީފާ އަދާ ކުރާ ދެ ބޭފުޅުންނެވެ. ހަމައެއާ އެކު ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އަކީ އެމްއެންޑީއެފްގެ ވަޒީފާގައި އުޅުއްވުމަށް ފަހު ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާފައިވާ ދެ މެމްބަރުން ނެވެ.