19 Apr 2016, 14:11
ގާނޫނާއި ގަވާއިދު ނެގެހެއްޓުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަބަދުވެސް ދެމިތިބޭނެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
ކަސްޓަމްސްއާ ގުޅޭ ގޮތުން ތުހުމަތުތަކެއްކޮށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓަކާ ގުޅިގެން ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނާ ގަވާއިދު ތަންފީޒުކުރުމުގައި ކަސްޓަމްސް އިން ޚިދުމަތް ފޯރުކޮށްދެނީ ވަކިފަރާތެއް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފާ އެކު ކަމަށެވެ.
ވަކި ބޭފުޅަކު ބޭނުންފުޅުވާ ގޮތަށް ކަންތައްތައް ނުވުމުން އެކަމާ ގުޅިގެން ކަސްޓަމްސް ބަދުނާމުވާ ގޮތަށް ވާހަކަތައް ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމުގައި މިއޮފީހުން ދެކެމެވެ.
"މިފުރުސަތުގައި، ގާނޫނާ ގަވާއިދު ނެގެހެއްޓުމުގައި ސާބިތުކަމާ އެކު ކަސްޓަމްސް އަބަދު ވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.
މުސްތަފާ ޓުވީޓް ކުރައްވާފައި ވަނީ ކަސްޓަމްސްގެ އިސްބޭފުޅަކު ރިޝްވަތު ނަންގަވާ ކަމަށް ތުހުމަތުކޮށެވެ.