އިންޑިއާ ސަރުކާރުގެ އެހީގައި ބްރޯޑްކާސްޓަރުން ތަމްރީންކޮށް ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެދިއްޖެ އެވެ.

ބްރޯޑްކޮމް އިން އެގޮތަށް އެދިފައިވަނީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ އެކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

އިންޑިއާ ހައިކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވަނީ ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ތަޖުރިބާ ހުރި ފަންނީ މީހުން އުފެއްދުންކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނާ ގުޅިގެން އިންޑިއާ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިން ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގެ މައުލޫމާތު ވަނީ ސަފީރު މިޝްރާއާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އިންޑިއާގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއަށްދާގޮތް ދެނެގަނެ އެ ދާއިރާއިން ގުޅުންތައް ގާއިމްކުރުމަށްޓަކައި ކޮމިޝަނުން އިންޑިއާއަށް ތަޖުރިބާގެ ދަތުރެއް ކުރުމަށްވެސް، ހުށަހެޅި ޕްރޮޕޯޒަލްގައި ހިމަނާފައިވެއެވެ.

ރާއްޖެއަކީ ތަރައްގީގެ މަގުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ އަދި އުފެއްދުންތެރި ހީވާގި ރައްޔިތެއް އުޅޭ ގައުމެއްކަން ފާހަގަކުރައްވައި، މިޝްރާ ވަނީ ތަރައްގީގެ އެކި މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދޭން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ބްރޯޑްކާސްޓް ދާއިރާގެ ތަރައްގީއަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ.